އަނގަޔަށް އެއްޗެހި ލައިގެން އުޅެނިކޮށް ނޭވާލާ ހޮޅިއަށާއި ފުއްޕާމެއަށް އަދި ކާހޮޅީގައި އެތަކެތި ތާށިވުން ގިނަވެފައިވާ ކަމަށް ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނގަޔަށް އެއްޗެހި ލައިގެން އުޅެނިކޮށް ކޮށިއަރައިގެން ނޭވާލާ ހޮޅިއަށާ ފުއްޕާމެއަށް އަދި ކާހޮޅިއަށްގޮސް އެތަކެތި ތާށިވުން އަނެއްކާވެސް ގިނަވެފައިވާ ކަމަަށެވެ.
އެފަދަ ހާދިސާތައް ގިނަވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ އަނގަޔަށް ކާއެއްޗެހި އަޅައިގެން ދުވުމާއި ބުރުގާ ޕިން އަނަގަޔަށްލައިގެން ޕިންޖެހުމާއި ކުޅޭ އެއްޗެހި އަނގަޔަށްލައިގެން ދުވުން ކަމަށް ޑރ.ފައިސަލް ވިދާޅުވެއެވެ.
މީގެ ކުރިންވެސް އެތައް ފަހަރަކު ރާއްޖޭގެ ހޮސްޕިޓަލްތަކުން ވަނީ ޕިން އާއި ކުޅޭ ތަކެތި ނަގާ އޮޕަރޭޝަން ކޮށްފައެވެ.
އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އައީޖީއެމްއެޗް ގައި ވަނީ ހަ އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެެއިން ލެގޯ ކޮޅެއް ނަގާ އޮޕަރޭޝަނެއް ކޮށްފައެވެ. ނޮވެމްބަރު މަހު އައިޖީއެމްއެޗުން ވަނީ 17 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާގައި ޖަހާ ޕިނެއްވެސް ނަގައި އޮޕްރޭޝަނެއް ކޮށްފައެވެ. މީހެ އިތުރުން މި އަހަރު ޖަނަވަތީ މަހު ވަނީ 15 އަހަރުގެ އަންހެން ކުއްޖެއްގެ ނޭވާހޮޅިން ބުރުގާގައި ޖަހާ ޕިނެއްވެސް ނަގާފައެވެ.