ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރެވޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ދިރާސާ ކުރިއިރު ޖުޑީޝަރީ ކޮމެޓީން ވަނީ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިހާރު ބިލު އޮތް ގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިޔަށް ގެންދެވޭނީ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާގެ ވަގުތުތަކުގައި އެކަންޏެވެ.

ހާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވޭނީ ވަކި ބާވަތުގެ އަޑުއެހުންތަކަށެވެ. އެއީ ބަންދާއި މެދު ގޮތެއް ނިންމުމާއި އިބްތިދާއީ އަޑުއެހުންތަކެވެ.

އެނޫން އެހެން އަޑުއެހުމެއް ބާއްވާ ނަމަ ދައުވާ ލިބޭ މީހާގެ ރުހުން ހޯދަން ބިލުގައި ވަނީ ލާޒިމް ކޮށްފައެވެ. މީގެއިތުރުން ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތަކާއި ސިިކުނޑީގެ އުނިކަމެއް ހުންނަ އެއްވެސް މީހެއްގެ މައްސަލަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބެލުން އެ ބިލުން މަނާވެގެން ދެއެވެ.

ކޮވިޑް19 ގެ ސަބަބުން ޝަރުއީ ކޯޓުތަކުން މިހާރުވެސް އަންނަނީ ވީޑިއޯ ކޮންފަރެންސްކޮށް ގިނަ ޝަރީއަތްތައް ބާއްވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ އެކަމުގެ އުސޫލެއް އެކުލަވާލީ ސުޕްރީމް ކޯޓުންނެވެ.