ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމުން ފާތިމަތު އާމިރާ ނޫން އެންމެން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފިއެވެ.

އާމިރާ ވަކި ކުރުމުގެ މަސައްކަތް ކޮމެޓީ އަށް ފޮނުވާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ ވަކި ކުރުމުގެ މައްސަލަ ހުށަހެޅީ ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގުއެވެ.

ނަމަވެސް މައްސަލައަށް ޖަވާބުދާރީ ވުމުގެ ގޮތުން އާމިރާ ވަނީ ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް ސިޓީގައި އޮތް އެއްޗެއް ކޮމެޓީން ހާމައެއް ނުކުރެއެވެ.

އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްއެވެ. އެ ހުށަހެޅުމަށް ކޮމިޓީގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ތާއީދު ކުރެއްވިއެވެ.

އާމިރާގެ އިތުރުން ސީއެސްސީގެ މެމްބަރުކަމުން އެ ކޮމިޝަންގެ ރައީސާ އެކު ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ކޮމެޓީން މިއަދު ވަނީ ނިންމާފައެވެ. މަގާމުން ވަކިކުރަން ކޮމެޓީން ފާސްކުރި ނަންތަކަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.