ނައިފަރު ކައުންސިލް ހިންގުމުގައި އިހުމާލުވަމުން ދާތީ ކަމަށް ބުނެ ނައިފަރު ކައުންސިލަރުގެ ރައީސް މުހައްމަދު ކަރީމްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފިއެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކަރީމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި ވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ތިން މެމްބަރުންގެ އިއްތިފާގުންނެވެ.

މި ބައްދަލުވުމުގައި މަގާމުން ދުރުކުރި ކައުންސިލްގެ ރައީސާއި ކައުންސިލްގެ މެންބަރު މަމްނޫހް އީސާ ބައިވެރިއެއް ނުވެއެވެ. ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވާއިރު އޭނާ އަށް މީގެކުރިން ވަނީ 30 ދުވަހުގެ ނޯޓިސް އެއްވެސް ދީފައެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އުފައްދަން އަންގާފައިވާ ރަށު އެމަޖަންސީ އޮޕަރޭޓިން ސެންޓަރާއި (އީއޯސީ)، އެ ސެންޓަރަށް ލަފާދޭ ކޮމިޓީއާއި، ޓާސްކްފޯސް އުފެއްދުމެއް ނެތި، ކައުންސިލްގެ ރައީސަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންކަން ކުރައްވަމުން ގެންދާ ވަކަމަށާއި އެކަމާ ގުޅިގެން ނައިފަރު ރައްޔިތުންގެ ގިނަ ބަޔަކު އެކަމަށް ފާޑުކިޔާފައިވާ ކަަމަށް ކައުންސިލުން ބުނެއެވެ. ކޮވިޑާ ގުޅިގެން ނައިފަރުގައި ކުރެވެމުން ދިޔަ މަސައްކަތްތަކުގައި ނައިފަރުގެ މަދަނީ ޖަމިއްޔާތައް ބައިވެރިކުރުމަށް ކައުންސިލްގެ ރައީސް އިންކާރު ކުރައްވާފައިވާ ކަމަށާއި މި މައްސަލާގައި މަދަނީ ޖަމިއްޔާތަކުން ވެސް ދިޔައީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް ނައިފަރު ކައުންސިލުން މީގެކުރިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މަޝްވަރާކުރުމަށް ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް ކައުންސިލްގެ މެމްބަރުން އެދިވަޑައިގަތުމުން އެފަދަ ބައްދަލުވުމެއް ވެސް ބާއްވައި ދީފައި ނުވާ ކަމަށާއި، އަދި މި މައްސަލާގައި މަޝްވަރާ ކުރުމަށް ކައުންސިލްގެ ޖަލްސާއެއް ބާއްވައި ދިނުމަށް ކައުންސިލްގެ މެމްބަރުން އެދިވަޑައިގަތުމުން އެކަމަށްވެސް ކައުންސިލްގެ ރައީސް ދެކޮޅު ހައްދަވާފައި ވާކަމަށް ކައުންސިލްގެ މެމްބަރުން މަޢުލޫމާތު ދީފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ނައިފަރު ކައުންސިލް ރައީސްގެ މިއަމަލުތަކާ ގުޅިގެން ލޯކަލް ގަރަމަންޓް އޮތޯރިޓީން ވަނީ ނައިފަރު ކައުންސިލްގެ ރައީސަށް ނަސޭހަތް ދީފައި ކަަމަށް ވެސް އެ ކައުންސިލުން މީގެކުރިން ބުނެފައިވެއެވެ.