ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އޭރުގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއެވެ. އަދި އެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން މާޗު މަހުގެ 21 ވަނަ ދުވަހު ހައްޔަރު ކުރިއެވެ.

އެ މައްސަލާގައި ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުން ފާރިސް ހައްޔަރު ކޮށްފައި ބެހެއްޓުމަށް އަމުރުކުރި އިރު އެ މައްސަލަ އިސްތިއުނާފު ކުރުމަށް ފާރިސްގެ ފަރާތުން ވަނީ ނިންމާފައެވެ. އެހެން ކަމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ހައިކޯޓުން އެ މައްސަލަ ރަޖިސްޓްރީ ކޮށްދިނެވެ. އެއީ ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވުމާއި އެކުގައި ފާރިސްވެސް ޖަލުން މިނިވަންވިއެވެ. އަދި އިއްޔެ ހައިކޯޓުން ފާރިސްގެ ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައި މިވަނީ އެ މައްސަލަ ހައިކޯޓުގައި އޮންނަތާ 1 އަހަރާއި 9 މަސް ފަހުންނެވެ.

ފާރިސް ޝަރީއަތް ނިމެން ދެން ބަންދުކުރަން ކޯޓުން އަމުރުކުރީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ޖެހޭ މާއްދާ އާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހުއްޓާލާފައި ވަނިކޮށް ކަމަށް ހައިކޯޓުން ބުނެއެވެ. މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށްވެސް ހުކުމްގައިވެއެވެ.