ކޮވިޑް19 ގެ ސަބަބުން ފަސްކޮށްފައިވާ ރިސޯޓުތަކުގެ ކުލިތައް އަލުން ދައްކަން ޖެހޭނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް19 ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާއި އެބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރިތަކަށާއި ރައްޔިތުންނަށް މާލީގޮތުން ހީނަރުކަމާ ކުރިމަތި ވެފައިވާ ކަމަށެވެ.

އެހެންކަމުން މިދަނޑިވަޅުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރި ދެމެހެއްޓުމަށްޓަކައި ސަރުކާރުން މާލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށްދެއްވަމުންދާ ކަމަށް ފިނޭންސް އިން ބުންޏެވެ. އެގޮތުން ސަރުކާރުން ދޫކުރައްވާފައިވާ ބިންތަކަށް 2020ވަނަ އަހަރު ދައްކަންޖެހޭ ކުލި ދެއްކުމުގައި ލުއިތަކެއް ދެއްވުމަށް ނިންމަވާފައިވާ ކަމަށް ފިނޭންސް އިން ބުންޏެވެ.

ފިނޭންސްގެ ސާކިއުލާގައި ވަނީ 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލި 1 ޖޫން 2021 އިން ފެށިގެން ދެއްކުމަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި ޖޫން 2020 އިން ޑިސެންބަރު 2020 އާ ދެމެދު ދައްކަންޖެހޭ ބިމު ކުލި 1 ޖޫން 2021 އިން ފެށިގެން ދެއްކުމަށް ފަސްކޮށްފައިވާ ކަމަށެވެ.

ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގެ ތެރޭގައި ފަރާތަކުން ފައިސާ ދައްކައިފައިނުވުމަކުން ޖޫރިމަނާއެއް ނުހިނގާނެ ކަމަށާއި އަދި މިގޮތަށް ފަސްކޮށްދޭ ކުއްޔަށް ފައިސާ ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ އާއި އިންޓްރެސްޓް ހިނގަން ފަށާނީ އަލުން ފައިސާ ދައްކަންޖެހޭ މުއްދަތުގައި އެ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަނޑިއަށް ފައިސާ ނުދައްކާނަމައެވެ.

ފަސްކޮށްދެއްވާ ކުލީގެ ތެރޭގައި ހިމެނެނީ އެކި މިނިސްޓްރީތަކުންނާއި އެމިނިސްޓްރީއެއްގެ ދަށުން ހިންގާ އެހެނިހެން އޮފީސްތަކާއި، ޒަކާތު ފަންޑު ފިޔަވައި މިނިސްޓްރީތަކުން ހިންގާ ޓްރަސްޓް ފަންޑުތަކުން ނަގާ ކުއްޔެވެ.