ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ދިރާސާކުރަމުން ގެންދާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމެޓީ)އިން އެ ބިލު ދިރާސާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިއަދު ބޭއްވެވި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ބިލާ ގުޅޭގޮތުން ހުށަހެޅިފައިވާ ހިޔާލުތަކުގެ އަލީގައި، އަދި ބިލު އިތުރަށް ފުރިހަމަކުރުމަށްޓަކައި ބިލަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ މައިގަނޑު ކަންކަމުގެ މައްޗަށް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ސަރުކާރުގެ ފަރާތުން މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީ އެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.

އަދި އެ ބިލު ފާސްވުމާއި އެކުގައި މިހާރު އަމަލުކުރަމުން އަންނަ ބިލު އުވިގެން ދާނެއެވެ. ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ފުލުހުންނަށް ލިބިދެވޭ ބާރާއި އިހުތިޔާރުތަކާއި، އެ ބާރާއި އިހުތިޔާރު ބޭނުންކުރެވޭނެ ދާއިރާއާއި، ފުލުހުން ޒިންމާދާރުކުރުވައި، ޖަވާބުދާރީކުރުވުމާގުޅޭ އިޖުރާއަތުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް މިހާރު ހުށަހަޅާފައިވާ ބިލު ކަނޑައެޅިގެން ދާނެ ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.