މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި އެކު އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމުން ފުލުހުންނަށް އާއްމުންގެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 25ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތް ކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި މަހުގެ 26ވަނަ ދުވަހުގެ ފަތިހު 5:00 އެހާއިރު ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުން ފިލުވުމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެގޮތުން، އެސަރަހައްދުގައި އެމީހުން ތިއްބާ ފުލުހުން ގޮސް މައުލޫމާތު އޮޅުންފިލުވުމުން އެ އަންހެންމީހާގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައި ވަނީ، މި މަހުގެ 25ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، އެ މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހުންނާ އެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށެވެ. އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާ ކުރި ކަމަށާއި އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރު ކޮށްފާނެތީ ސަލާމަތް ވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން ގޮސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެކަން ފުލުހުންނަށް ހުށަހެޅުމުން އެތަނުގައި ތިބި ދެ ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، އެއީ ދެމިގެން ދިޔަ ކުށުގެ ވެއްޓެއް ކަމަށް ވާތީ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ މި މަހުގެ 26ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައި ވާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު 39 އަހަރުގެ ދެ މީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާ ހަމައަށް ލިބިފައި ހުރި މައުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް އަނިޔާ ލިބުނު ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނާ ހިލާފަށް، އަނިޔާ ލިބުނު މީހާގެ ފަރާތުން ދިން މައުލޫމާތު ކަމަށް ބުނެ މީޑިއާގައި ތަފާތު ގޮތަކަށް މައުލޫމާތު ފަތުރަމުން ދާތީ، އެކަމާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރުމުން، އެމައްސަލައާ ގުޅިގެން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއް ކަމުގައި އެ އަންހެން މީހާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

އަދި އެމައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައި ނުވާނެ ކަމަށާއި، މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން ދާތީ ކަންބޮޑުވާކަން ހާމަކޮށް، އޭނާގެ ފޮޓޯއާއި މައުލޫމާތު މީޑިއާތަކުން ނަގައިދިނުމަށް އަންހެން މީހާ އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ އަނިޔާ ލިބުނު ފަރާތަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި މިފަދަ ނާޒުކު މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަގީގަތާ ހިލާފަށް އަދި އަނިޔާ ލިބިފައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ސޯޝަލް މީޑިއާގައި އެފަދަ މައުލޫމާތު ދައުރު ކުރުމުގައި ވެސް ކަމުގެ ހަގީގަތް އޮޅުން ފިލުވައި ޒިންމާދާރު ކަމާއެކު މައުލޫމާތު އާންމު ކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރި ވެފައެވެ. އެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.