ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަކަށް އިނގިރޭސިވިލާތުގެ ބޭފުޅަކު ހަމަޖައްސައިފިއެވެ.

އެމްއޭސީއެލް އިން ބުނީ އެ ދެ މަގާމަށް ހަމަޖައްސާފައި ވަނީ ގޯޑަން އެންޑްރޫ ސްޓުއާޓް ނަމަކަށް ކިޔާ ބޭފުޅެއް ކަމަށެވެ. އޭނާ އަކީ އޭވިއޭޝަން އިންޑަސްޓްރީގައި 30 އަހަރުގެ ތަޖުރިބާ ލިބިފައި ހުންނެވި ބޭފުޅެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެގޮތުން ޔޫރަޕާއި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އިތުރުން އޭޝިއާ އަދި އުތުރު އެމެރިކާގައި އޭވިއޭޝަން އިންޑަސްޓްރީގައި ގޯޑަން އެންޑްރޫ މަސައްކަތް ކުރައްވާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ ގޯޑަން އެންޑްރޫގެ 30 އަހަރު ދުވަހުގެ ތަޖުރިބާގެ ތެރެއިން 20 އަހަރު ދުވަސް ހޭދަ ކުރައްވާފައި ވަނީ އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގެ މަގާމުތަކުގައި ކަމަށެވެ.

އެމްއޭސީއެލް އާއި ގޯޑަން އެންޑްރޫ ގުޅިވަޑައިގަންނަވާނީ ރާއްޖޭގެ ބޯޑަރު އަންނަ މަހު ހުޅުވާލުމުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ސަރުކާރުގެ 21 ކުންފުނި އޮންނައިރު، މިހާތަނަށް ސީއީއޯއެއް ހަމަ ޖައްސާފައި ނުވާ ހަމައެކަނި ކުންފުންޏަކީ އެމްއޭސީއެލްއެވެ.

މިހާތަނަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަގާމަށް މީހަކު ނަގަނީ ރައީސުލް ޖުމްހޫރިއްޔާއެވެ. އެމްއޭސީއެލްގައި މިހާރު ހުންނަނީ އެކްޓިން މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަކީ މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.