މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ހޫނުވެފައި ވަނިކޮށް ރޭޕްކުރުމާ ދެކޮޅަށް މާދަމާ އިހުތިޖާޖު ކުރުމަށް ނިންމައިފިއެވެ.

މި އެއްވުން އިންތިޒާމު ކުރަނީ މީގެކުރިންވެސް މިފަދަ އެއްވުންތައް ބާއްވާފައިވާ ވޮއިސް އޮފް ޗިލްޑްރަން އިންނެވެ. މި އެއްވުން އޮންނާނީ މާދަމާ ހަވީރު ޖެންޑާ މިނިސްޓްރީ ކައިރީގައެވެ. ނަމަވެސް އެއްވުމަށް ދާނައިރު އެކަކު އަނެކަކުގެ ރައްކާތެރި ކަމަށްޓަކައި މާސްކު އެޅުމަށާއި އަދި އެއްވުން ކުރިޔަށް ދާއިރު އިޖުތިމާއީ ގައިދުރު ކަމަށް އިސްކަން ދިނުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން 2 މީހަކު ހައްޔަރުކޮށް އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ނުވެފައި ވެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އަދި އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ނިންމާފައިވާއިރު މާދަމާގެ އެ މައްސަލަ ކޮމެޓީން ބަލާއިރު ކޮމެޓީގެ މުގައްރިރު ކަމުން ޖީހާން ވަނީ ތަނާޒުލުވެފައެވެ. އެހެންކަމުން ކޮމެޓީގެ މުގައްރިރުކަން ކުރައްވާނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުއެވެ.

ފުލުހުން ބުނީ، އެ މީހުން ދޫކޮށްލާފައި ވީ ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، މައްސަލަތަކުގެ ތަހުގީގުގައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް މިނިވަން ކަމާއެކު ތަހުގީގު ކުރާ ފަރާތްތަކުން ކުރަމުން ގެންދާނެ ކަމަށެވެ.