މިދިޔަ ދުވަސްތަކުގެ ތެރޭގައި ސުއިސައިޑްގެ ވިސްނުން ހުންނަ ކޭސްތައް ރާއްޖޭގައި ފާހަގަކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ މިދިޔަ މާޗު އަދި އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގައި އެކި ބާވަތްތަކުގެ މައްސަލަތައް ރިޕޯޓް ކޮށްފައިވާ މިންވަރު މަދު ނަމަވެސް މިދިޔަ މެއި މަހުގެ ފަހުކޮޅު ޖިސްމާނީ އަނިޔާގެ މައްސަލަތަކާއި ނަފްސާނީ މައްސަލަތައް ރިޕޯޓު ކޮށްފައިވާ އަދަދު ގިނަ ކަމަށެވެ.

އެގޮތުން ހާއްސަކޮށް ސުސައިޑާއި އެ ވިސްނުމާއި އެ ފިކުރު ގެންގުޅޭ މީހުންގެ އަދަދު އިތުރު ވެފައިވާ ކަން ވަނީ މިނިސްޓަރު ފާހަގަ ކުރައްވާފައެވެ.

އޭގެ ތެރޭގައި އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ ވަކިން ހާއްސަކޮށް، ސުއިސައިޑާ ގުޅޭ ގޮތުން، އެ ވިސްނުމާއި އެ ފިކުރާއި އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާލަން ބޭނުންވެގެން ގުޅާ މީހުން ފާހަގަކުރެވޭ
ޖެންޑާ މިނިސްްޓަރު

ދުނިޔޭގެ އެހެން ތަންތަނުގައި ހުންނަ، ސުއިސައިޑަލް ވޮޗް ފަދަ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށާއި 1412 އަށް ގުޅުމުން އެވަގުތު ހަރަކާތްތެރިވާ ފަރާތަތަކަށް ދެވޭ އެހީ ސެންޓާ ފޯ މެންޓަލް ހެލްތުގެ ފަރާތުން މިވަގުތު ދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެތަނުގެ ޑޮކްޓަރުން އަންނަނީ އެފަދަ ވިސްނުންތަކުގެ ކުދިންނަށް ވެސް އެހީތެރިކަން ދެމުން ކަމަށް ވިދާޅުވެފައި ވާއިރު، މިނިސްޓަރު ވަނީ އެފަދަ ހާލަތެއްގައި ދޭން ޖެހޭ އެހީތެރިކަން ވަގުތު ނުދެވިއްޖެ ނަމަ ދެރަ ކަމެއް ދިމާވެދާނެ ކަންވެސް ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސުއިސައިޑަލް ވިސްނުން ނުވަތަ ސްޓްރެސް ވެގެން ގޯހެއް ހަދަން އުޅެވުން ފަދަ ކަންކަމަކީ މުޅި މުޖުތަމައު އެކީ އަދި އާއިލާތަކުގެ ފެންވަރުގައި މުޅި އާއިލާ އެކީ ބައިވެރިވެ ހައްލު ކުރަން ޖެހޭ ފަދަ ނާޒުކު މައްސަލަތައް ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އާއިލާތައް ގުޅިގެން މައްސަލަ ހައްލުކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ސުއިސައިޑަލް މައްސަލަތައް ރިޕޯޓު ކުރާ މިންވަރުގެ ތަފާސް ހިސާބެއް މިނިސްޓްރީން ހާމަ ނުކުރި ނަމަވެސް ސްއިސައިޑަލް ކޭސްތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހިނގަމުން ދާކަން ފާހަގަ ކުރެވެއެވެ.