މީހެއްގެ ފިރިއަކު ކުރިއަސް، ބޭބެއަކު ކުރިޔަސް އަދި ަބއްޕައަކު ކުރިޔަސް ރޭޕް ވާނީ ރޭޕަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ، ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި 2 ފިރިހެނަކު ވެގެން އަންހެނަކު ރޭޕް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ބަހުން ފޯރި ގަދަވެ، އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅިގެންނެވެ.

ރޮޒައިރާ ރައްދު ދެއްވާފައިވާ ޓްވިޓާ ޕޯސްޓުގައި އޮތީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ 4 އަންހެން މެންބަރުން ކަމުގައިވާ، ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދާއި، މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ފޮޓޯ ލައިފައެވެ.

މިހާރު އެ ޓްވީޓް ޑިލީޓް ކުރި ނަމަވެސް، ރޮޒައިނާ ވިދާޅުވީ، ރޭޕް ކުރީ ކޮންމެ މީހަކު ނަމަވެސް އެމީހަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ. އަދި އެ ފޮޓޯތައް ޖަހައިގެން އެގޮތަށް މީސްމީޑިއާގއި ދައުރު ކުރުން ގޯސް ކަމަށާއި، އޭނާގެ ފިރިކަލުން "މީހަކު ރޭޕް ކޮށްފައި" ނުވާ ކަމަށެވެ.

ރޭ ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދި އެންމެ މުހިންމު އެއް ވާހަކައަކީ، ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ވާހަކައެވެ. އެއާ ވިދިގެން އައީ، ތުހުމަތުގައި ކުށުގެ ވެށިން ހައްޔަރުކުރި 39 އަހަރުގެ 2 މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ދޫކޮށްލި ހަބަރެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރުކުރި ބަޔަކު ދޫކޮށްލުމާއެކު ސޯޝަލް މީޑިއާ ކެކި އަރައިގަތީއެވެ. އެއްބަޔަކު ގޯނާ ލިބުނު އަންހެން މީހާ ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެއެވެ.

މި މައްސަލައިގައި ޖީހާން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު ފުލުހުން ބުނީ، މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، މައްސަލަތަކުގެ ތަހުގީގުގައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް މިނިވަން ކަމާއެކު ތަހުގީގު ކުރާ ފަރާތްތަކުން ކުރަމުން ގެންދާނެ ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޭޕްކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަކީ އެންމެ ނުބައި މުޖުރިމުން ކަމަށެވެ.

ސަފާރީގައި ހިނގި އެހާދިސާ ތަހުގީގު ކުރަމުން ދާއިރު، އެ ހާދިސާގައި ހިމެނޭ އަންހެން މީހާ ރޭޕް ނުކުރާ ކަމަށާއި އޭނާއަށް ޖިންސީ ގޯނާއެއްވެސް ނުލިބޭ ކަމަށް އިތުބާހުރި މަސްދަރަކުން "ދަ ޕްރެސް" އަށް ވަނީ ބުނެފައެވެ.