މޭ މަހުގެ ފަހުކޮޅާއި ޖޫން މަހުގެ ކުރީކޮޅު ގެވެށި އަނިޔާ އިތުރު ވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މިދިޔަ މާޗު އަދި އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގައި އެކި ބާވަތްތަކުގެ މައްސަލަތައް ރިޕޯޓްކުރެވިފައިވާ މިންވަރު މަދު ނަމަވެސް މިދިޔަ މެއި މަހުގެ ފަހުކޮޅު ރިޕޯޓުކުރެވުނު މައްސަލަތަކުގެ އަދަދު ގިނަ ކަމަށެވެ. އެގޮތުން އެންމެ ގިނައީ ގެވެށި އަނިޔާގެ ތެރެއިން ޖިންމާނީ އަނިޔާގެ މައްސަލަތައްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ މައްސަލަތައް ވެސް ގިނަކަމަށެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބު ތަކަށް ބަލާއިރު:
ކުޑަކުދިންނާ ގުޅުންހުރި އަނިޔާގެ މައްސަލަތައް މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޖުމްލަ 387 އަށް އަރައެވެ. އެއީ އަންހެން 221 ފިރިހެން 166 އެވެ. ގެވެށި އަނިޔާގެ މައްސަލަތަކުގެ ޖުލްމަ އަދަދަކީ 112 ކަމަށްވާއިރު އޭގެ ތެރޭގައި ހިމެނެނީ 89 އަންހެނަކާއި 9 ފިރިހެނުންނެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ އިނާޔަތާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން އިންކަމް ސަޕޯރޓް އެލަވަންސް ޕްރޮގްރާމް 1450 މީހުންނަށް ދީފައި ވެއެވެ. ދަތުރުތައް ހުއްޓުމާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ބޭރަށް ދިޔަ 148 މީހުންނާއި އެންސްޕާގެ ހަރަދުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 35 ފަރާތްތެއް ހިމެނެއެވެ.
މަސްތުވާތަކެއްޗާއި ގުޅުންހުރި ފަރުވާގެ މައްސަލަތައް (ޕީ.އެސް) ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރުން ފަރުވާ ފޯރުކޮށްދީފައި ވަނީ އިންޕޭޝަންޓް ތިން އަންހެނަކާއި 71 ފިރިހެނަކަށެވެ. އައުޓް ޕޭޝަންޓްގެ ގޮތުގައި ހަ އަންހެނަކާއި 134 ފިރިހެނަކަށް ދީފައި ވާއިރު، ޖުމްލަ ނުވަ އަންހެނަކާއި 205 ފިރިހެނެއް ހިމެނެއެވެ
މިދިޔަ ދުވަސްތަކުގެ ތެރޭގައި ސުއިސައިޑްގެ ވިސްނުން ހުންނަ ކޭސްތައް ރާއްޖޭގައި ފާހަގަކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށް އަލި އަޅުވާލާ ޖެންޑާ މިނިސްޓާ ވިދާޅިވީ ދުނިޔޭގެ އެހެން ތަންތަނުގައި ހުންނަ ފަދަ ރާއްޖޭގައި ސުއިސައިޑަލް ވޮޗް ފަދަ ނިޒާމެއް ނެތް ކަމަށާއި 1412 އަށް ގުޅުމުން އެވަގުތު ހަރަކާތްތެރިވާ ފަރާތަތަކަށް ދެވޭ އެހީއެއް ދަނީ ދެމުން ކަމަށެވެ. އެކަމަކު ރާއްޖޭގައި ހުންނަ ސެންޓަ ފޯ މެންޓަލް ހެލްތުގެ ފަރާތުން ބޮޑު އެހީއެއް ލިބެމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެތަނުގެ ޑޮކްޓަރުން އަންނަނީ އެފަދަ ވިސްނުންތަކުގެ ކުދިންނަށް ވެސް އެހީތެރިކަން ދެމުން ކަމަށެވެ.