ކޮވިޑަ-19އާ ގުޅިގެން މިހާތަނަށް 397 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ޒުލްފިޝާން އަބްދުލް ކަމާލުއްދީން ވިދާޅުވީ މިހާތަނަށް ވަގުތީ ބޯހިޔާވަހިކަން 397 މީހަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބު ތަކަށް ބަލާއިރު ކުލި ނުދެއްކިގެން 252 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރއިން 112 މީހުންނަށް ވަގތީ ހިޔާ ފޯރޮކޮށްދީފައިވާ ކަމަށެވެ. ޔުނިސެފްގެ އެހީތެރިކަމުގައި 553 ކެއަރާ ޕެކޭޖުގައި ބޯތަކެތި ފޯރުކޮށްދީފައި ވެއެވެ. މިނިސްޓްރީގެ ފަރާތުން 273 ކެއަރ ޕެކޭޖް ވަކި ވަކި އާއިލާތަކަށް ވަނީ ފޯރުކޮށްދީފައި ކަމަށެވެ. މީގެ އިތުރުން އަމިއްލަ ޖަމިއްޔާތައް މެދުވެރިކޮށް 9 ކެއާ ޕެކޭޖް ފޯރުކޮށްދީފައިވެއެވެ.
ބޯހިޔާވަހިކަމާއި ކާބޯޓަކެތީގެ އެހީތެރިކަން ފޯރުކޮށްދެނީ ޖެންޑާ މިނިސްޓްރީއާއި އެހެނިހެން އެންޖީއޯތައް ގުޅިގެންނެވެ.
ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅާކީ ހުރިހާ ގައުމަކަށް ވެސް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. ރާއްޖޭގައިވެސް މި ހާލަަތުަގއި ވަޒީފާ ގެއްލި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވަށް އެތައް މަސައްކަތްތެރިންނެއް ވަނީ ގޮސްފައެވެ. މި ދަނޑިވަޅުގައި އެންމެންނަށްވެސް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އެހެންކަމުން ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވަންސް ތައާރަފްކޮށް ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ގޮތުން 5000 ރުފިޔާގެ އެލްވަންސެއް ދޭން ފަށާފައެވެ.
މިހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ހާލުގައި އުޅޭ އާއިލާތަކަށް ކާބޯތަކެތި އަދި ޒަޜޫރީ އެހެން ބޭނުންތަކަށް ބޭނުންވާ ސާމާނާ އެކު ކެއާ ޕެކޭޖްތައް ބައެއް ފަރާތަތަކުން ފޯރުކޮށްދެއެވެ. ހަަމައެއާއެކު ވަންނާނެ ތަނެއް ނެތް ފަރާތަތަކަށް ހިލޭ ބޯހިޔާވަހިކަންވެސް ބައެއް ފަރާތަތަކުން ދަނީ ފޯރުކޮށްދެމުންނެވެ.