މިހާރު ކޮވިޑަށް ޕޮޒިޓިވް ވެގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ތިން މީހަކު އޮތީ ޓްރީޓޮޕްގެ ވެންޓިލޭޓަރުގައި ކަމަށް ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާދެމުންދާ ކަމަށާއި އެ ތިން މީހުން ވެސް ތިބީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އަށް މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އެ އެންމެން ވެސް ތިބީ ވޯޑުގައި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ވެންޓިލޭޓަރަށް ލާފައިވާ މީހުންނާއި ގުޅޭ އިތުރު ތަފްސީލެއް މަބްރޫކް ހާމަކުރައްވާފައެއް ނުވެއެވެ.
ކޮވިޑްގެ ހާލަަތަށް ބަލާއިރު މިއަދު ރާއްޖެއިން 22 މީހަކު ޕޮޒިޓިވްވެ މި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 2305 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި 22 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި، ބަންގްލަދޭޝްގެ 14 މީހަކާއި، ލަންކާގެ ހަތަރު މީހުންނެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެން ފެށުމާއެކު މިިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވަނީ މާލެ ލޮކްޑައުންކޮށްފައެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭގައި އިުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިދީ ފާހަކާ ނުަލއި މަގުމަތީގަިއ މީހުންނަށް ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ވަގުތު މާލެ ސަރަހައްދުގައި މަގުތަކަށް ނުކުންނަ ފަރާތްތައް އިތުރުވަމުންދާތީ މާލޭގައި މި ބަލި އިތުރަށް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. އަލީ ލަތީފް ވަނީ ވިދާލުވެފައެވެ. އެހެންވެއްޖެ ނަމަ މާލެ އަލުން ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.