އައިޑީކާޑު ގެއްލިފައި ނުވަތަ މުއްދަތު ހަމަވެފައި ވިޔަސް ކާކު ކަން އަންގައިދޭނެ ލިޔުމަކާއެކު ހިދުމަތް ދެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.

ޑީއެންއާރުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ދާތީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަަލަށް އައިޑީކާޑު ގެއްލިފައި ވިޔަސް ނުވަތަ، އައިޑީކާޑުގެ މުއްދަތު ހަމަވެފައި ވިޔަސް ކާކުކަން އަންގައިދޭ އެހެން ލިޔުންތައް ބޭނުންކޮށްގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، އައިޑީކާޑު ނަންބަރު ފެންނަ ލިޔުން ދިނުމުން އަލަށް އުފަންވާ ކުދިންނާއި، އައިޑީކާޑު ގެއްލިފައިވާ މީހުންނާއި، އައިޑީކާޑުގެ މުއްދަތު ހަމަވެފައި ތިބި މީހުންނަށް ހިދުމަތް ދެވޭނެއެވެ.

މީގެ އިތުރުން އެ ޑިޕާޓްމެންޓުން އެދިފައި ވަނީ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ މި އަަހަރުގެ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ދިނުމުން އެ މުއްދަަތުގައި ހިދުމަތް ދެވޭނެ ކަމަށެވެ.

އައިޑީކާޑު ނެތުމުން އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެން ފެށުމުގެ ސަބަބުން، ޑީއެންއާރުން ކުރިން ވަނީ ޖޫން 30ގެ ނިޔަލަށް، އައިޑީކާޑު ނެތް އަދި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ވީނަމަވެސް ހިދުމަތް ދިނުމަށް އަންގައިފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، އައިޑީކާޑު ހެއްދުމުގެ ހިދުމަތް ވަނީ މެދުކަނޑާލައިފައެވެ.