ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލި ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށާއި ތަހުގީގު ކުރިއަށްދާ ވަރަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށެވެ.

ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވަނީ އިއްޔެއެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރީ 39 އަހަރުގެ ދެ ދިވެހި ދެ ފިރިހެނުންނެވެ. މިއަދު އެ ދެ މީހުން ދޫކޮށްލާފައި ވާއިރު، ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ތުހުމަތުވާ ދެ މީހުން ދޫކޮށްލާފައި ވަނީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، އެއީ ސަފާރީ އަށް ދިޔަ ދެ މީހެއް ކަމެއް ނުވަތަ އޭގައި މަސައްކަތް ކުރާ ބައެއް ކަމެއްވެސް ސާފެއް ނުވެއެވެ.

ހުޅުމާލެ ކައިރީ އާޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާއިރު، ދާދި ފަހުން މާލޭ ގެސްޓްހައުސް އެއްގައި ވެސް ވަނީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފައެވެ. 11 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައި ވަނީ ކުއްޖާ ގްރޫމް ކޮށްގެން (އެކަމަށް ތައްޔާރު ކުރުވައިގެން ކަމަށް) އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި، ހއ. ބާރަށް، ސިލްސިލާގެ އަނީސް ހިލްމީ ވަނީ މިމަހު 12 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.