ކޮވިޑް19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި މިހާތަނަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 5.8 މިލިއަން ރުފިޔާ 1450 މީހަކަށް ސަރުކާރުން ވަނީ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ދޫކޮށްފައެވެ.
އިންކަމް ސްޕޯޓް އެލަވަންސް ދިނުމުގެ އުސޫލު ބުނާ ގޮތުގައި މި އެލަވަންސް ލިބުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންނަށެވެ. އަދި އެލަވަންސް ލިބޭ މީހުންގެ ތެރޭގާއި ހިމެނެނީ ކޮވިޑް19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭއަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުންނެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައި ވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. އަދި މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށް ވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާ ހަމަވަންދެން ނުވަތަ 5000 ރުފިޔާއާ ހަމައަށް ލިބޭނެއެވެ.
ފްރީލާންސަރުންގެ ތެރެއިން 5،000 ރުފިޔާގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށް ކަމަށާއި އާމްދަނީ ލިބޭ މިންވަރު ދަށްވެފައިވާ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދު އުނިކުރުމަށް ފަހު ބާކީ ޖެހޭ އަދަދު ލިބޭނެއެވެ. ފްރީލާންސަރުންގެ ތެރެއިން ވަޒީފާއެއް އަދާ ކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވެސް އޭގައި ވެއެވެ.
ކޮވިޑް19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދޭނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އެއީ މިދިޔަ އޭޕްރިލް މަހާއި މެއި އަދި ޖޫން މި ތިން މަހަށެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް މި އެހީގެ މުއްދަތު އިތުރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
މި ފުރުސަތުގައި އެހީ އަށް އެދި ހުށަހަޅަން ޖެހޭނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންނެވެ. އެހީ ލިބޭ މުއްދަތުގައި އާމްދަނީގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީ އަށް އަންގަން ޖެހޭނެއެވެ.
އަދި މި އެހީއަށް އެދި ހުށަހަޅާއިރު ދޮގު މައުލޫމާތު ދޭ މީހުންނަށް ދައުވާ ކުރުމުގެ ބާރު ވެސް އެ މިނިސްޓްރީ އަށް ލިބިގެންވެއެވެ.