މަޝްހޫރު އެނިމޭޓަޑް ޓީވީ ސީރީޒް "ދަ ސިމްސަންސް" އިން ފެނިގެންދާ ދޮން ނަސްލު ނޫން އެހެން ނަސްލުތަކުގެ ކެރެކްޓަރުންނަށް އަޑު އެޅުވުމަށް، ދޮން ނަސްލުގެ ވޮއިސް އާޓިސްޓުން ބޭނުން ނުކުރާނެ ކަމަށް ޝޯގެ ޕްރޮޑިއުސަރުން ބުނެފިއެވެ.

"ދަ ސިމްސަންސް" އިން ފެންނަ އިންޑިއާ-އެމެރިކާ ދަރިކޮޅުގެ ކެރެކްޓަރު 'އަޕޫ' އަށް ހޭންކް އަޒާރިއާ އަޑު އަޅާ މައްސަލައާ ގުޅިގެން، ފޮކްސް ނެޓްވާކަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއްވެސް އަމާވެފައެވެ.

އަޒާރިއާ ވަނީ، 'އަޕޫ'ގެ ކެރެކްޓަރާ ދުރަށް ޖެހިލާނެކަން، މިއަހަރުގެ ކުރީ ކޮޅު އިއުލާން ކޮށްފައެވެ. އަޒާރިއާއަކީ 1990 އިން ފެށިގެން 'އަޕޫ'އަށް އަޑުއަޅަމުން އަންނަ އެކްޓަރެކެވެ. މީގެ އިތުރުން ކަޅު ނަސްލުގެ "ލޫ"އާއި، މެކްސިކަން-އެމެރިކަން ދަރިކޮޅުގެ "ބަމްބަލްބީ މޭން"އަށްވެސް އަޑު އަޅާދެނީ އަޒާރިއާއެވެ.

އެހެން ނަސްލުތައް ރަމްޒުކޮށްދޭ ކެރެކްޓަރުތަކަށް އަޑުއަޅާ ނުދޭނެކަން ހާމަކޮށްފައިވާ އިތުރު ފަންނުވެރިންނަށް ބަލާއިރު މައިކް ހެންރީއާއި ކްރިސްޓަން ބެލް ފާހަގަ ކުރެވެއެވެ. ހެންރީއަކީ، "ފެމިލީ ގައީ" އިން ފެނިގެންދާ ކަޅު ނަސްލުގެ "ކްލީވްލަންޑް ބްރައުން" އަށް ފާއިތުވީ 20 އަހަރު އަޑު އަޅާދިން އާޓިސްޓެކެވެ.

މި ދަނޑިވަޅަކީ، ދޮން ނޫން ނަސްލުތަކުގެ ފަންނުވެރިން އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ގޮވާލާ، މުނިފޫހިފިލުވުމުގެ ސިނާއަތަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެކެވެ.