ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީައެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން އިއްޔެ ބުނީ، ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 5:00 ހާއިރު ފުލުހުންނަށް ހުށަހާޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދިވެހި 2 ފިރިހެނުން ހައްޔަރުކުރިއެވެ. ނަމަވެސް މިއަދު ފުލުހުން ބުނީ އެ މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިޔަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ކައިރީ އާޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާއިރު، ދާދި ފަހުން މާލޭ ގެސްޓްހައުސް އެއްގައި ވެސް ވަނީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފައެވެ. 11 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައި ވަނީ ކުއްޖާ ގްރޫމް ކޮށްގެން (އެކަމަށް ތައްޔާރު ކުރުވައިގެން ކަމަށް) އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި، ހއ. ބާރަށް، ސިލްސިލާގެ އަނީސް ހިލްމީ ވަނީ މިމަހު 12 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.