ސަރުކާރުގެ ރަސްމީ ޑޮމެއިން، "ގަވް ޑޮޓް އެމްވީ" ޕޯޓަލް އަށް ސަރުކާރުގެ 9 މުއައްސަސާއެއް ލައިފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ އެ މަސައްކަތުގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުވެސް ބަދަލުކޮށްފައިވާ ކަމަށެވެ. މިހާތަނަށް ގަވްޑޮޓް އެމްވީ ޕޯޓަލްގައި ސަރުކާރުގެ 9 މުއައްސަސާއެއް އެއްގޮތް ކުރެވި ތިން މުއައްސަސާއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެކުރިން ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެފައި ވަނީ ސަރުކާރުގެ ރަސްމީ ޑޮމެއިން، ގަވް ޑޮޓް އެމްވީ އަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ވެބްސައިޓް ބަދަލުކުރުމުން ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން އާ ވެބްސައިޓް ތަކަކީ އެއް ފޯމެޓަކަށް، ބޭނުން ކުރާ ފަރާތްތަކާއި ރައްޓެހި ގޮތަކަށް ފަރުމާ ކޮށްފައިވާ ވެބްސައިޓް ތަކެއްކަން މިނިސްޓަރު މަލީހް ފާހަގަ ކުރެއްވިއެވެ. އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، އެއް ވެބްސައިޓާއި އަނެއް ވެބްސައިޓް ފަސޭހަ ނިޒާމަކުން ގުޅާލައި ފަސޭހަ ސާޗް އިންޖީނެއް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.