ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަރާތުން ރާއްޖެ އަށް 50 މިލިއަން ޑޮލަރު ދީފިއެވެ.
އޭޑީބީގެ ފަރާތުން ރާއްޖެ އަށް ދިން 50 މިލިއަން ޑޮލަރުގެ ތެރެއިން 25 މިލިއަން ޑޮލަރަކީ ލޯނެކެވެ. އަދި އަނެއް 25 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ.
އޭޑީބީގެ ރައީސް މަސަޓްސުގޫ އަސަކާވާ ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ސިއްހީ ދާއިރާގެ އިތުރުން އިޖްތިމާއީ ގޮތުން ކުރާ އަސަރުތަކަށް އެހީވުމަށް އެ ޖަމިއްޔާ ތައްޔާރަށް އޮތް ކަމަށެވެ.
އޭޑީބީން ރާއްޖެއަށް ދިން މި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ކޮވިޑާއި ގުޅިގެން އައިސޮލޭޓް ކުރުމަށް 400 އެނދު ހަމަޖައްސައި، ކްރިޓިކަލް ކެއާއަށް ހާއްސަކޮށް މަދުވެގެން 200 އެނދު ހަމަޖެއްސުމަށެވެ.
އޭޑީބީން ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި ރާއްޖެ އަށް ފަސް ލައްކަ ޑޮލަރުގެ އެހީއެއް ވެސް ފޯރުކޮށްދީފައެވެ.