އެ ބްރޭންޑްގެ އުފެއްދުންތަކުގައި ބޭނުންކުރާ ބަސްމަގުގެ ތެރެއިން، ހަމުގެ ކުލަ އަލި ކުރުމަށް ހިތްވަރު ދެނިވި ބަސްތައް އުނިކުރުމަށް ނިންމާފައިވާކަމަށް، ދުނިޔޭގެ އެންމެ ބޮޑު ކޮސްމެޓިކްސް ކުންފުނި ކަމަށްވާ ލޯރިއާލްއިން ބުނެފިއެވެ.

ލޯރިއާލް ކުންފުނީގެ ފަރާތުން މިކަން ހާމަކޮށްފައި މިވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި، 'ދޮން-ކަޅު'ގެ ތަފާތު ކުރުންތަކުގެ މައްސަލަ ބޮޑުވެ، އެ ކަމާ ދެކޮޅަށް ވަރުގަދަ ކެމްޕޭންތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ހަމުގެ ކުލަ އަލިކުރުމަށް ހާއްސަކޮށް އުފެއްދުންތައް މިހާރު ފިިރިހެނުންނަށްވެސް އުފައްދާ/ފޮޓޯ: ފޯބްސް

ބައިނަލްއަގުވާމީ ބާޒާރަށް ކޮސްމެޓިކްސް ސަޕްލައި ކުރަމުންދާ ޔުނިލެވާ ބްރޭންޑުންވެސް ވަނީ މިފަދަ ނިންމުމެއް ނިންމާފައެވެ.

ލޯރިއާލްއާއި ޔުނިލެވާއަކީ ހަމުގެ ކުލަ އަލި ކުރުމަށް ހާއްސަކޮށްގެން ގިނަ އުފެއްދުންތަކެއް ބާޒާރަށް ނެރެމުން އަންނަ ވަރުގަދަ ދެ ކުންފުންޏެވެ. އޭޝިއާ، އެފްރިކާ، އަދި ކެރީބިއަން ސަރަހައްދުގެ ގައުމުތަކުގައި، މި އުފެއްދުންތަކަށް ބޮޑު ޑިމާންޑެއް އޮވެއެވެ.

ހަމުގެ ކުލަ އަލި ކުރުމަށް ހިތްވަރު ދޭ ގޮތަށް ދުނިޔޭގެ އެންމެ ބޮޑު ކޮސްމެޓިކްސް ކުންފުނި ކަމަށްވާ ލޯރިއާލްއިން ނެރެފައިވާ ބައެއް އުފެއްދުންތައް/ފޮޓޯ: ފެލީސީން

ލޯރިއާލްއާއި ޔުނިލެވާއިން ބޭނުން ކުރާ ބަސްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު، ޖޯންސަން އެންޑް ޖޯންސަން ކުންފުނިންވަނީ އެ ކުންފުނީގެ ބްރޭންޑްތަކެއް ކަމަށްވާ 'ނިއުޓްރޮޖީނާ' އާއި 'ކްލީން އެންޑް ކްލިއާ' ގެ ދަށުން އުފައްދާފައިވާ ހަމުގެ ކުލަ އަލި ކުރަން ހިތްވަރު ދޭ ކްރީމްތައް، އޭޝިއާއާއި މެދުއިރުމަތީގެ ގައުމުތަކުގައި ނުވިއްކަން ނިންމާފައެވެ.

ހަމުގެ ކުލަ އަލި ކުރުމަށް ހިތްވަރު ދޭ ގޮތަށް ދުނިޔޭގެ އެންމެ ބޮޑު ކޮސްމެޓިކްސް ކުންފުނި ކަމަށްވާ ލޯރިއާލްއިން ނެރެފައިވާ ބައެއް އުފެއްދުންތައް/ފޮޓޯ: ސެވަންޝޭޑްސް

ބައިނަލްއަގުވާމީ ފެންވަރުގައި 'ދޮން-ކަޅު'ގެ ތަފާތު ކުރުންތަކުގެ ވާހަކަ މިހާ ގަދަވެފައި މިވަނީ، އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ މީހަކު، އެ ގައުމުގެ ދޮން ނަސްލުގެ ފުލުހެއްގެ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށްވެ، މި ދުނިޔެއާއި ވަކިވެދިއުމާ ގުޅިގެން އުފެދުނު މުޒާހަރާތަކުގެ ތެރެއިން ކުރި ފަޅައިގެން ދިޔަ ހިސާބުންނެވެ.