ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބޭނުން ކުރެވިދާނެ ވެކްސިނެއްގެ 2 ބިލިއަން ޑޯޒް، ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ފަހުކޮޅާ ހިސާބަށް އަންނައިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

ވާޗުއަލް މީޑިއާ ބްރީފްއެއްގައި މައުލޫމާތު ހިއްސާ ކުރަމުން ޑަބްލިއުއެޗްއޯއިން ބުނީ، 2 ބިލިއަން ޑޯޒްގެ ތެރެއިން، 1 ބިލިއަން ޑޯޒް ހާއްސަ ކޮށްފައިވަނީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިންއެއް އަދި ހޯދިފައެއް ނުވޭ/ފޮޓޯ: ސްކައި ނިއުސް

މިއީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ނިމުމެއް ގެނައުމަށް ގައުމުތަކުގެ ސަރުކާރުތަކާ، ޖަމިއްޔާތަކާ، ސައެންސްވެރިންނާ، ވިޔަފާރިވެރިންނާ އެހީދޭ ފަރާތްތައް ގުޅިގެން ޑަބްލިއުއެޗްއޯއާއިއެކު މިއަހަރުގެ އޭޕްރިލް މަހު ލޯންޗުކުރި 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ' ޕްރޮގްރާމްގެ ބައެއް ކަމަށްވެސް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމް ބިނާ ކުރެވިފައިވަނީ މައިގަނޑު 4 ތަނބެއްގެ މައްޗަށެވެ. އެއީ ކޮވިޑް-19އަށް ޓެސްޓު ކުރުމާ، ފަރުވާ ދިނުމާ، ވެކްސިންގެ އިތުރުން ސިއްހީ ނިޒާމުގެ ތަނބެވެ.

ހުކުރު ދުވަހު ކުރިއަށްދިޔަ ބްރީފެއްގައި ވާހަކަ ދައްކަވަމުން، ޑަބްލިއުއެޗްއޯގެ ޗީފް ސައެންޓިސްޓް ޑރ ސޯމްޔާ ސްވާމިނޭތަން ވަނީ، ކޮވިޑް-19 އިތުރަށް ފެތިރުގެން ދިއުމާ، ގައިން ގަޔަށް އެރުން ހުއްޓުވުމަށް އޮތް ހަމައެކަނި މަގަކީ، ނަތީޖާ ނެރެވެނިވި، ރައްކާތެރި ވެކްސިނެއް އޮތުން ކަމަށް ވިދާޅުވެފައެވެ.

ު މޮޑާނާއަކީ އިންސާނުންގެ ހަށިގަނޑުގައި ފުރަތަމަ ފަހަރަށް ކޮވިޑް-19އާ ދެކޮޅަށް ވެކްސިންއެއް ޓެސްޓު ކުރި ކުންފުނި/ފޮޓޯ: އެނާޖެޓިކްސިޓީ

މުޅި ދުނިޔެއަށް ކޮވިޑް-19ގެ ބަލިމަޑުކަމުކަން ފެތުރިފައިވާއިރު، މި ބައްޔާ ދެކޮޅަށް ދިފާއު ލިބިފައިވަނީ އާބާދީގެ ނިސްބަތުން އިންތިހާއަށް މަދު އަދަދެއްގެ ބަޔަކަށް ކަންވެސް ޑރ ސްވާމިނޭތަން ވަނީ ފާހަގަކުރައްވާފައެވެ.

'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ' ޕްރޮގްރާމް ހިންގުމަށް 31.3 ބިލިއަން ޑޮލަރު ޚަރަދު ވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ލަފާކޮށްފައިވާއިރު، މި ފަންޑަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން މިހާތަނަށް ވައުދުވެފައިވަނީ އެންމެ 3.4 ބިލިއަން ޑޮލަރު ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް، ހަލުވި ދުވެއްޔެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށެވެ. ބައެއް ވެކްސިންތައް މިހާރު އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަން ފަށާފައިވާއިރު، މިއީ ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ ތާރީހުގައިވެސް މިހާ ހަލުވި ދުވެއްޔެއްގައި ހިންގާ މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.