މިއަދު ކޮވިޑަށް 6 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއަދު 15 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު 6 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2283 އަށް އަރާފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި 6 މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި، ބަންގްލަދޭޝް އަށް ނިސްބަތްވާ ތިން މީހެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެ ގޮތުން މިހާރު މި ބައްޔަށް ބޭސްކުރަމުން ދަނީ 407 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ރާއްޖޭގެ ބޯޑަރުތައް އަންނަ ޖުލައި މަހު ހުޅުވާލަން ނިންމާފައިވާއިރު ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން ދިޔަ މަސައްކަތަށް ރަނގަޅު ނަތީޖާތަކެއް ހޯދިފައިވާ ކަމަށާއި އެހެންކަމުން ރާއްޖެއިން ތައްޔާރު ވަނީ ނިއު ނޯމަލްގައި ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ފެށުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވެއެވެ. ރިސޯޓުތައް ވެސް ހުޅުވުމުގެ ހުއްދަ އަންނަ މަހުގެ 15 ވަނަ ދުވަހު ދެވިގެން ދާނެ ކަމަށާއި އަންނަ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ގެސްޓު ހައުސްތައް ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި ވެއެވެ.