މަހުޅުމާލޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ތިން އޮޕަރޭޝަން ވެސް ހިންގާފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ކަމަށެވެ. އަދި މި މަހު 25 ވަނަ ދުވަހު ހިންގި އެ ތިން އޮޕަރޭޝަނަކީ ވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހިންގި ތިން އޮޕަރޭޝަން ކަމަށް ފުލުހުން ބުނެއެވެ.

ޑީއީޑީން ހިންގި ފުރަތަމަ އޮޕަރޭޝަނުގައި، ހުޅުމާލެއިން މާލެއަށް ބަނގުރާ އެތެރެކުރަން އުޅުނު ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ބަނގުރާ ކޭސް ފެނިފައިވާއިރު، މި މައްސަލައާ ގުޅިގެން 26 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ދެވަނަ އޮޕަރޭޝަނުގައި ހުޅުމާލެ ފްލެޓެއް، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވާއިރު، މި މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ތިން ވަނަ އޮޕަރޭޝަނުގައި ވެސް ހުޅުމާލެ ފްލެޓެއް، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވާއިރު، މި މައްސަލައާ ގުޅިގެން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ފުލުހުން ބުނީ، މި މައްސަލަތައް ޑީއީޑީން ތަހުގީގު ކުރަމުންދާ ކަމަށެވެ.