ހެލްތް ޕްރޮޓޭކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމުކުރި ރަށު ކަރަންޓީނު ވުމުގެ އުސޫލުގައިވާ ގޮތުން، ރަށަށް ދާން ބޭނުންވާ ފަރާތްތަކުން މިހާރު ރަޖިސްޓްރީ ވާން ޖެހެނީ އެޗްޕީއޭގެ "ހާލުބެލުން" ޕޯޓަލްގައެވެ.

އެ އުސޫލުގައި ބުނީ، ރަށަށް ދާން ބޭނުންވާ ފަރާތްތަކުން މިހާރު ރަޖިސްޓްރީ ވާން ޖެހެނީ އެޗްޕީއޭގެ "ހާލުބެލުން" ޕޯޓަލްގައި ކަމަށާއި، އެ ޕޯޓަލުން ރަށުގައި ކަރަންޓީނުވުމަށް އެދެން ޖެހޭ ކަމަށެވެ. އަދި މިގޮތަށް އެދެން ދަތިނަމަ އެޗްޕީއޭގެ ނަމްބަރު 1676 އަށް ގުޅާ ނަން ނޯޓޫ ކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

ރަށަށް ދިއުމުގެ ހުއްދަ ދިނުމުގެ ޕްރޮސެސް އޮތް ހިސާބު ހާލުބެލުން ޕޯޓަލްއިން ބެލޭއިރު، ހުއްދަ ލިބުނުކަން ވެސް އެ ޕޯޓަލްއިން ވއެނގޭނެއެވެ. އަދި އެސްއެމްއެސް އެއް މެދުވެރިކޮށް ވެސް ހުއްދަ ލިބުނުކަން އިއުލާން ކުރާނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ރަށަުގައި ކަރަންޓީނުވެފައިވާ މީހާގެ ސިއްހީ ހާލަތު ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ސިއްހީ އެހީތެރިކަން ނުވަތަ އެހެނިހެން ޒަރޫރީ ބޭނުމެއް ޖެހިއްޖެ ނަމަވެސް އެކަން ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހެނީ މި ޕޯޓަލް މެދުވެރިކޮށެވެ.

ރަށު ކަރަންޓީނު ވުމުގެ އުސޫލުގައިވާ ރަށަށް ދަތުރުކުރާ ދުވަހަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ ހާލުވެލުން ޕޯޓަލް އިން އެކަން އަންގަންވާނެއެވެ. އަދި ރަށަށް ދާ މީހާ ޓިކެޓް ގަންނައިރު އަދި ދަތުރުކުރާ އުޅަނދަށް އަރާއިރު، އެއީ ގޭގައި ކަރަންޓީނުވާންދާ ފަރާތެއްކަން އަންގަން ޖެހޭނެ ކަމަށެ އެ އުސޫލުގައި ވެއެވެ.

މީގެ އިތުރުން ވެސް މި އުސޫލުގައި ރަށު ކަރަންޓީނު ކުރުމުގައި ކައުންސިލުގެ ދައުރާއި، ކޭސް ހޭންޑްލާގެ ދައުރު ބަޔާންކޮށްފައިވެއެވެ. ކޭސް ހޭންޑްލަރަކީ ރަށެއްގައި މކަރަންޓީނުވާ މީހާގެ ހާލު ބަލާ، އިމަޖެންސީ ހާލުގައި ގުޅުމަށް އެރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކުން ކަނޑައަޅާ މީހެކެވެ. އަދި ކަރަންޓީނު މުއްދަތު ހަމަވުމުން، އެ މީހާގެ ސާމްޕަލް ނަގާ، ޓެސްޓު ކުރުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސަން ޖެހެނީ ކޭސް ހޭންޑްލަރެވެ.

ރަށު ކައަންޓީނުވުމުގައި ކަރަންޓީނުވާ މީހާގެ އަމަލުތައް މޮނިޓާ ކުރުމަކީ ކައުންސިލުގެ ޒިންމާއެކެވެ. އެގޮތުން، ކަރަންޓީނުވާ ތަން އިންސްޕެކްޓް ކުރުމާއި، ކަރަންޓީނުވަނީ އެއްބަސްވެފައިވާ ތަނުގައިތޯ ބެލުމާއި، ތަންތަން މޮނިޓާ ކުރުމާއި މޮނިޓަރިން އިން ދޫކޮށްލުމަކީ ވެސް ކައުންސިލުގެ ޒިންމާއެކެވެ. މީގެ އިތުރުން ކަރަންޓީނުވާ މުއްދަތުގައި ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ކައުންސިލުން އެހީތެރިވާން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ވެއެވެ.

މާލެއިން ރަށްރަށަށް ދާ ފަރާތްތަކުން، 14 ދުވަހުގެ މުއްދަތަކަށް ގޭގައި ކަރަންޓީނުވާން ޖެހެއެވެ. އަދި ކަރަންޓީނު ވުމަށްފަހު، އެ ފަރާތަކަށް ރަސުތެރޭގައި އުޅުމުގެ ހުއްދަ ދޭނީ ކޮވިޑް-19 އަށް ޓެސްޓުކޮށް، ސާމްޕަލްގެ ނަތީޖާ ލިބުމުންނެވެ.