ދުނިޔެ އަދު ދެކެމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ 2 ވަނަ ރާޅަކާ ކުރިމަތިވެއްޖެ ނަމަ، މި ދުނިޔެއިން އެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލި ދިއުމުގެ ނުރައްކާ އެބަ އޮތް ކަމަށް ވިދާޅުވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އޮފިޝަލަކު އިންޒާރު ކުރައްވައިފިއެވެ.

އިޓަލީވިލާތުގެ ރާއީ ޓީވީއާއި ވާހަކަދައްކަވަމުން ޑަބްލިއެޗްއޯގެ އެސިސްޓަންޓް ޑައިރެކްޓާ ޖެނެރަލް ފޮ ސްޓްރެޓީޖިކް އިނިޝަޓިވްސް ޑރ ރަނޭއިރީ ގުއޭރާ ވިދާޅުވީ، މިހާތަނަށް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދަނީ، ޑަބްލިއުއެޗްއޯގެ އޮފިޝަލުން ލަފާކުރައްވާފައިވާ ގޮތަށްކަމަށެވެ.

ކޮވިޑް-19ގައި އީރާނުން މަރުވި މީހެއްގެ ގަބުރު އުފުލަނީ/ފޮޓޯ: އިބްރާހީމް ނުރޫޒީ

ކޮވިޑް-19ގެ ބަލިމަޑުކަމާ އަޅާ ކިއަމުންދަނީ މީގެ ގަރުނެއްހާ ދުވަސް ކުރިން ދުނިޔެ ދުށް 'ސްޕެނިޝް ފްލޫ' ކަމަށާ، އެ ރޯގާގައިވެސް ހޫނު މޫސުމަށް ބަލިމަޑުކަން 'މަޑުޖެހިލުމަށްފަހު' ސެޕްޓެމްބަރާ އޮކްޓޯބަރު މަހު ހަލުވިކަމާއެކު ފެތުރިގަނެ، 2 ވަނަ ރާޅުގައި 50 މިލިއަނެއްހާ މީހުންގެ ފުރާނަ ގެއްލިދިޔަ ކަން ޑރ ގުއޭރާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ ގުއޭރާ މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ގަދައަށް ފެތުރެމުންދިޔަ ދުވަސްވަރާ ދިމާކޮށް ގައުމުތަކުން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާ، އެ ލުއިތަކާއެކު އަނެއްކާވެސް ކޭސް ފެންނަ މިންވަރު ހަލުވި މިނެއްގައި އިތުރުވާން ފަށާފައިވާ ވަގުތެއްގައެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ ސްޕެއިންއިން މަރުވި މީހުންގެ ގަބުރުތައް ސަންދޯއްތަކުގައި ބާސެލޯނާގެ މޯޗަރީއެއްގަ/ފޮޓޯ: ޕަބްލޯ މިރާންޒޯ

އެމެރިކާ ހިމެނޭ ސަރަހައްދުގެ ގައުމުތަކާ އޭޝިއާ ސަރަހައްދުގައި އަދިވެސް ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރެމުންދާއިރު، ވިލާތުގެ ބައެއް ގައުމުތަކުން އަނެއްކާވެސް ވަނީ ކޭސް ރިޕޯޓްކުރާ މިންވަރު އިތުރުވާން ފަށާފައެވެ.