ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން ސްރީލަންކާ އެއާލައިންސްއިން ހަފްތާއަކު ތިން ފްލައިޓް އަޅަން ނިންމައިފިއެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، ސްރީލަންކާ އެއާލައިންގެ ދަތުރުތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދާނެ ކަމަށެވެ.
އެ ގޮތުން ހަފްތާއަކު 3 ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިރާގު ވިދާޅުވިއެވެ. އެއީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، ބުދަ އަދި ބުރާސްފަތި ދުވަހެވެ. އަދި މި ތިން ދުވަހު ދަތުރު ހަމަޖެހިފައި ވަނީ މާލެއާއި ކޮލޮމްބޯއާ ދެމެދެވެ.
ހަމައެއާއެކު މިވަގުތަށް "ޔޫއެލް 101" ފްލައިޓު ވަނީ ޖުލައި 15 ވަނަ ދުވަހަށް ޝެޑިއުލްކޮށް ޓިކެތް ވިއްކަން ފަށާފައި ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ. މީގެ އިތުރުން ފިރާގް ވިދާޅުވީ އެހެން ގައުމުތަކުގެ ބޯޑަރު ހުޅުވުމުން އެ އެއާލައިން އިން ކުރާ ދަތުރުތައް އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެސް އޭވިއޭޝަނުން ކޮލޮމްބޯއަށް ހަފްތާއަކު ތިން ފްލައިޓު ހަމަޖައްސާފައިވާ އިރު، ކޮލޮމްބޯއަށް ދަތުރު ކުރާ އެމިރޭޓްސްއިން ޝެޑިއުލްކޮށްފައި ވަނީ ހަފުތާއަކު ދެ ފްލައިޓެވެ. ރާއްޖެއިން އެންމެ ގިނަ ބަޔަކު ދަތުރު ކުރާ ގައުމު ތަކުގެ ތެރޭގައި އިންޑިއާ އާއި ސްރީލަންކާ ހިމެނެއެވެ. ގިނަ އަދަދެއްގެ ދިވެހިން ސްރީލަންކާގައި ދިރިއުޅޭ އިރު ގިނަ އަދަދެއްގެ މީހުން ބޭސްފަރުވާ އަށާއި ތައުލީމް ހޯދުމަށާއި ބާޒާރުކޮށް ވިޔަފާރިކުރުމަށާއި ޗުއްޓި ހޭދަކޮށްލަން ސްރީލަންކާއަށް ދެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ މާޗް 27 ގައި ބަންދުކޮށްފައިވާ އިރު، ކޮވިޑްއިން އަރައިގަތުމަށް ނިއުނޯމަލްއަކަށް ދިއުމަށް ބޯޑަރު ހުޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.