ހަމުގެ ކުލަ އަލިކުރަން ބޭނުންކުރާ އުފެއްދުންތަކުގެ ތެރެއިން ޒަމާނުއްސުރެ ގިނަ ބައެއްގެ މެދުގައި ނަން ހިނގާ މަޝްހޫރު ބްރޭންޑް "ފެއާ އެންޑް ލަވްލީ" ގެ ނަމުން "ފެއާ" (ދޮން) ކަނޑާ، އެ އުފެއްދުން ރީބްރޭންޑް ކުރާނެ ކަމަށް، ބާޒާރަށް މި އުފެއްދުން ނެރެމުން އަންނަ ވިޔަފާރި ލައިން ޔުނިލެވާއިން ބުނެފިއެވެ.

މިއީ 'ދޮން-ކަޅު'ގެ ތަފާތުކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ފަރާތްތަކުން މަރުހަބާ ކިއާ ކަމެއް ކަމުގައި ވީ ނަމަވެސް، މި އުފެއްދުންތަކަށް އެންމެ ބޮޑު ޑިމާންޑެއް އޮންނަ އިންޑިއާގައި މިކަމަށް އަދިވެސް އެދެވޭ ހައްލެއް ނުލިބޭ ކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

ޔުނިލެވާގެ އިންދިއާ ސަބްސިޑަރީ، ހިންދުސްތާން ޔުނިލެވާ ލިމިޓަޑަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، ޖޯންސަން އެންޑް ޖޯންސަން ކުންފުނިންވެސް ވަނީ ހަމުގެ ކުލަ އަލިކުރަން ހާއްސަކޮށްގެން އެ ކުންފުނިން ވިއްކަމުން އަންނަ 2 ޕްރޮޑަކްޓެއް، އޭޝިއާއާއި މެދުއިރުމަތީގައި ދެން ނުވިއްކާނެ ކަމަށް ބުނެފައެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ބުނީ، 'ނިއުޓްރޮޖީނާ' އަދި 'ކްލީން އެންޑް ކްލިއާ' ގެ ޑާކްސްޕޮޓް ރިޑުއުސާ ފަދަ އުފެއްދުންތައް ދެން އޭޝިއާއާއި މެދުއިރުމަތީގައި ނުވިއްކާނެ ކަމަށާ، އެހެނީ މި އުފެއްދުންތަކަކީ، ދޮންކަން ނުވަތަ ހަމުގެ ކުލަ އަލުވުމަކީ އެމީހެއްގެ ޒާތުގައި ހުރި ހަމުގެ ކުލައަށްވުރެ ފުރިހަމަ ގޮތެއްކަމަށް ޕްރޮމޯޓްކުރާތީ ކަމަށެވެ.

ހަމުގެ ކުލަ އަލިކުރުމަށް ހިތްވަރުދޭ އިތުރު ބްރޭންޑެއް/ފޮޓޯ: ބިއުޓީހޯލިކް

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު 'ދޮން-ކަޅު'ގެ ތަފާތުކުރުން އެންމެ ބޮޑީ އަވަށްޓެރި އިންޑިއާގައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި އެންމެ ބާރަށް ވިކެމުންދާ އެއް އުފެއްދުމަކީވެސް "ފެއާ އެންޑް ލަވްލީ"އެވެ. "ފެއާ އެންޑް ލަވްލީ" ބްރޭންޑްގެ 317 މިލިއަން ޑޮލަރުގެ އުފެއްދުން، އިންޑިއާއިން އަހަރެއްގެ މައްޗަށް ވިއްކައެވެ.

ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކް ހާން، ހަމުގެ ކުލަ އަލިކުރާ ޕްރޮޑަކްޓްއެއް އިސްތިހާރު ކުރަނީ/ފޮޓޯ: ޓްވިޓާ

ބޮލީވުޑް ސިނާއަތުގެ ގިނަ އަދަދެއްގެ ބަތޮލުންނާ ބަތޮލާއިންވެސް ވަނީ "ފެއާ އެންޑް ލަވްލީ" ބްރޭންޑްގެ އުފެއްދުންތައް އެންޑޯޒްކޮށް، އެ ޕްރޮމޯޓްކޮށް، އެ ފަދަ އިސްތިހާރުތައްވެސް ކުޅެދީފައެވެ. ކަންމިހެން އޮތްއިރު، މި އުފެއްދުން މާކެޓް ހުރުން ހުއްޓާލުމަށް ޔުނިލެވާއަށް ގޮވާލާ ޕެޓިޝަންތަކެއް ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ފެނިގެން ގޮސްފައެވެ.

'ދޮން-ކަޅު'ގެ ތަފާތުކުރުމާ ދެކޮޅަށް މުޅި ދުނިޔެ ތެދުވެފައި މިވަނީ، އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، ދޮން ނަސްލުގެ ފުލުހުންތަކެއްގެ ރަހުމް ކުޑަ އަނިޔާގެ ޝިކާރައަކަށްވެ، މިދުނިޔެއާއި ވަކިވި ހާދިސާއާއި ގުޅިގެންނެވެ.

"ފެއާ އެންޑް ލަވްލީ"ގެ ނަން ބަދަލުކޮށް، އެ އުފެއްދުމަށް ދެން ކިޔާނެ ނަމެއް ފާސްކުރުމަށް ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާނެ ކަމަށް ޔުނިލެވާއިން ވަނީ ހާމަކޮށްފައެވެ.