މުޅި ދުނިޔެ އިނދައްޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގެ ގާބިލިއްޔަތުކަން އިތުރު ކުރުމުގެ ގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސަބްސިޑަރީ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސޮލިޑޭރިޓީ ފަންޑު (އައިއެސްއެފް) އިން ފޯރުކޮށްދޭ މާލީ އެހީތެރިކަން ދިވެހިރާއްޖެއަށް ހަމަޖެހިއްޖެއެވެ.

ސައުދީގެ ވިޔަފާރި މަރުކަޒީ ރަށް، ޖިއްދާގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެހީއާއި ހަވާލުވެފައިވަނީ ސައުދީ އަރަބިއްޔާގައި ހުންނަ ޕާމަނަންޓް މިޝަންއިންނެވެ. އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ ޔޫސުފް އަލް-އުތައިމީންގެ ހާޒިރުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރާއްޖެއާއިއެކު، ޔަމަން، ޗާޑް، މޮރިޓޭނިއާ، ސޫދާން، މާލީ އަދި ކޮމޯރޯސްއަށްވެސް މި އެހީވަނީ ހަވާލުކޮށްފައެވެ. މި އެހީއަކީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ތެރެއިން އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ 21 ގައުމަކަށް ހާއްސަކޮށްގެން އައިއެސްއެފްއިން ފޯރުކޮށްދެމުންދާ މާލީ އެހީއެކެވެ. ރާއްޖެ ހިމެނުނީ 3 ވަނަ ބެޗުގައެވެ.

އޯއައިސީގެ 14 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު / ފޮޓޯ: ރައީސް އޮފީސް

މިއަދު ހަމަޖެހިގެންދިޔަ އެހީއާއި ގުޅިގެން އަލް-އުތައިމީން ވިދާޅުވީ މި އެހީ ހާއްސަ ކޮށްފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރު ކުރުމަށް ކަމަށާ، ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގެ ގާބިލިއްޔަތުކަން އިތުރު ކުރުމަށް ކަމަށެވެ. އައިއެސްއެފްގެ އެހީ މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ ސިއްހީ އަސާސީ ސަޕްލައި ކަށަވަރު ކުރުމަށާ، ސްކްރީން ކުރާނެ އާލާތްތައް އިތުރު ކުރުމަށާ، ހަށި ރައްކަލަށ ބޭނުންވާ (ޕީޕީއީ) ހޯދުމަށާ އައިސީޔޫއަށް ބޭނުންވާ އާލާތްތައް ހޯދުން ފަދަ ކަންކަމަށް ކަން އަލް-އުތައިމީން ވަނީ ފާހަގަކުރައްވާފައެވެ.

އަލް-އުތައިމީން ވަނީ އައިއެސްފް ފަނޑަށް ސައުދީ އަރަބިއްޔާއާއި އޭނުންވެސް ހެޔޮ އެދޭ މެމްބަރު ގައުމުތަކުން ފޯރުކޮށްދެމުންދާ އެހީ ފާހަގަކުރައްވާ، އެ ގައުމުތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އައިއެސްއެފްގެ މި އެހީއަކީ، ކޮވިޑް-19ގެ އިސްލާމީ މާލީ އިދާރާތަކުން ދެމުން އަންނަ އިޖާބައިގެ މުހިންމު ބައެކެވެ.