މަތީ ތައުލީމުގެ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 514 ދަރިވަރަކަށް ލޯނު ހަމަޖެހިއްޖެއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ލޯން ސްކީމަށް ކުރިމަތިލި އެއްހާހެއްހާ ދަރިވަރުންގެ ތެރެއިން 514 ދަރިވަރުންނަށް ލޯނު ހަމަޖެހިފައިވާ ކަމަށެވެ.
މިއީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވާލި 550 ސްޓޫޑަންޓް ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކެކެވެ. މި ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފުރަތަމަ ޑިގްރީ އަށް ކިޔަވާ ދަރިވަރުންނަށެވެ. އެގޮތުން، ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ތެރެއިން 264 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެއެވެ. ހަމައެއާއެކު ލައިސެންސް ކެޓަގަރީން 15 ދަރިވަރުންނަށާއި ޑިޕްލޮމާ ކެޓަގަރީން 48 ދަރިވަރުންނަށާއި މާސްްޓާސް ޑިގްރީ ކެޓަގަރީން 160 ދަރިވަރުންނަށާއި އަދި ޕީއެޗްޑީ ކެޓަގަރީން 27 ދަރިވަރުންނަށް ލޯނު ދޫކޮށްފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުން ފަރާތުން ލިބުނު އެޕްލިކޭޝަންގެ ފެންވަރު ރަނގަޅުކަން ފާހަގަކުރެވުނު ކަމަށާއި ކުރިއާ ހިލާފަަށް، ވަރަށް ގިނަ ދަރިވަރުން ކޮލިޓީ އެޕްލިކޭޝަންތަކެއް ހުށަހެޅި ކަމަށެވެ. އަދި ލޯނު ލިބުނު ދަރިވަރުންނަށް، ކުރިއަށް އޮތް ތިން ގަޑި އިރުގެ ތެރޭގައި ލޯނުގެ ނަތީޖާ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށާއި މިކަމާ ގުޅުންހުރި ނޮޓިފިކޭޝަންތައް ދަރިވަރުންނަށް މިހާރު ދޫކުރަން ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ލައިސެންސް ކެޓަގަރީ އަށް ކުރިން ލޯނު ދޫކުރަނީ ހަމައެކަނި ޕައިލެޓު ކަމުގެ ދާއިރާއިން ކަމަށާއި މިފަހަރު ތަފާތު ދާއިރާތަކުން ލައިސެންސް ހޯދުމަށް ލޯނު ދޫކޮށްފައިވާ ކަމަށް މިނިސްތަރު ވިދާޅުވިއެވެ. އެގޮތުން، އެއާޓްރެފިކް ކޮންޓްރޯލިން އާއި މެރިން އަދި އެއާކްރާފްޓް އިންޖިނިއަރިންގެ ލައިސަންސް ހިމެނެއެވެ.