ރާއްޖޭގަައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަމުން އަންނަ މި ހައްސާސް ވަގުތު ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި ދެ މީހުންގެ މައްޗަށް ކޯޓު އަމުރު ނެރެފިއެވެ.
ސިވިލް ކޯޓުން ބުނީ، ހުޅުމާލޭގައި އެއް ގެއެއްގައި ދިރިއުޅެމުން އަންނަ އަންހެނަކާއި ފިރިހެނެއްގެ ސާމްޕަލް ނެގުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން، އެކަމާއި ދެކޮޅު ހަދާފައިވުމުން އެދެމީހުންގެ ސާމްޕަލް ނެގުމަށް ދެ އަމުރެއް ނެރިފައިވާ ކަމަށެވެ.
އެ އަމުރުގައި ބުނެފައިވަނީ އެ ދެމީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ބެލެވިގެން އެކަން ޔަގީންކުރުމަށް ޑޮކްޓަރަށް ދައްކާ ސާމްޕަލް ނަގަން އެންގުމުން މި ދެމީހުންވެސް އެކަމާއި ދެކޮޅު ހަދާފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމަށާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން ދަށުން އަންގާފައިވާ އެންގުން ތަންފީޒުކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ދިނުމަށް މީގެ ކުރިންވެސް ވަނީ ދެކޮޅު ހަދާފައެވެ. އެ މީހާއަށް ވަނީ ކޯޓު އަމުރެއް ނެރެފައެވެ. މިއީ ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭގެ އެންގުންތަކާ ހިލާފްވާ ފަރާތަތަކަށް ސިވިލް ކޯޓުން ނެރުނު އަށް އަމުރެވެ. މީގެކުރިން ހަތް ފަހަރެއްގެ މަތިން ސިވިލް ކޯޓުން އަމުރު ނެރެގެން މީހުން ކަރަންޓީނަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ތުއްތު ކުައްޖަކުވެސް ހިމެނެއެވެ.
ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރެފައިވާއިރު، ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2260 އަށް ވަނީ އަރާފައެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 81 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެ ގޮތުން މިހާރު މި ބައްޔަށް ބޭސްކުރަމުން ދަނީ 408 މީހުންނެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.