ޑިމޮކްރަސީއަކީ ރައްޔިތުންގެ ކިބައިން، ރައްޔިތުންނަށްޓަކައި ކުރަމުން އަންނަ ރައްޔިތުންގެ ވެރިކަމެއް ކަން މިއަދު އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެއެވެ. މިފަދަ ނިޒާމެއްގެ ތެރެއިން ބައްޓަންވެގެން އަންނަ ޑިމޮކްރަޓިކް މުޖުތަމައެއްގައި، އާންމު ހަމަޖެހުމާ، ސުލްހަ އަދި ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ ފުލުހުންނެވެ. ގާނޫނީ އިމުގެ ތެރެއިންނާ އިންސާނީ ހައްގުތަކާ ބަހާގެ ތެރެއިން ފުލުހުންނާ މަތިކުރެވިފައިވާ އެންމެ އިސް ޒިންމާއަކީ ކަމާބެހޭ ފަރާތްތަކުން އެކަށައަޅާފައިވާ ގާނޫނުތައް ތަންފީޒު ކުރުމެވެ. ފުލުހުންނަކީ ތަންފީޒީ ބާރު ގެ ގޮތުގައި ސިފަކުރަނީވެސް މި ސަބަބާ ހެދިއެވެ.

އަނެއްކޮޅުން ބަލާއިރު ޑޮމޮކްރަސީއެއްގައި، ރައްޔިތުން އިންތިހާބު ކުރާ 'ރައްޔިތުންގެ' މަޖިލީހަކީވެސް އިންތިހާއަށް މުހިންމު ބަހާއެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ރައްޔިތުންގެ މަޖިލިސް ނުވަތަ ގާނޫނު ހަދާ މަޖިލީހާ މަތި ކުރެވިފައިވާ ޒިންމާއަކީ އާންމު މަސްލަހަތު ނުގެއްލޭނެހެން ޑިމޮކްރަޓިކް ޕްލެޓްފޯމެއްގައި ރައްޔިތުން ތަމްސީލުކޮށްދިނުމެވެ. ރައްޔިތުންނާ އެ ރައްޔިތުން ނިސްބަތްވާ ފަސްގަނޑު ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާއާއި މަތިކޮށްފައިވާ ބާރުތަކަށް ފާރަވެރިވެ، ވިލަރެސް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް މެންޑޭޓުގައި ހިމެނެންވީ ބާރެއްތޯ މިއީ މިއަދު ކުރެވޭ ބޮޑު ސުވާލެވެ. ނަމަވެސް، ގައުމަކާ، އެ ގައުމެއްގެ އެންމެހާ އަފުރާދުންގެ ސަލާމާތާ ރައްކާތެރިކަން ކަށަވަރުކޮށްދޭން އޮތް ތަންފީޒު ކުރަންވީ ބަޔަކު ޖަވާބުދާރީކޮށް، ޒިންމާދާރު ކުރުވަން، ރައްޔިތުން އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީހަކަށްވުރެ ހައްގު އެހެން ބާރެއް ޑިމޮކްރަސީގެ ތަނބުން ކުރެ ތަނބެއްގައި ވާތީ ފެނޭތޯއެވެ.

ނިއު ނޯމަލް: ފުލުހުން ރަސްފަންނުގައި ހަރަކާތްތެރިވަނީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ގާނޫނު ހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލީހަކީ ގައުމީ ނިޒާމެއްގައި އެ މުޖުތަމައެއް އެންމެ ފުރިހަމައަށް ތަމްސީލުކޮށްދޭ ބާރެވެ. މި ދެންނެވި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބޭ ފުލުހުން ޖަވާބުދާރީ ކުރުވުން ގުޅިފައިވަނީ، ރައްޔިތުންނާ ކަމަށް ވާ ހިނދު، ރައްޔިތުން ތަމްސީލު ކުރަން ނިކުމެ ތިބޭ މެމްބަރުންނާ، އެ މެމްބަރުން އެކުލަވާ ކޮމިޓީތަކަށް މި ހައްގު ނޯވޭދާނެތޯއެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހަކީ ފުލުހުން ޖަވާބުދާރީ ކުރެވަން އޮތް ހަމައެކަނި އުސޫލަށްވެސް ވެގެން ކަމަކުދާކަށް ނެތެވެ.

ސަލާމަތީ ސެކްޓަރުގެ ބާރު (އެސްއެސްޖީ)

ސެކިއުރިޓީ ސެކްޓާ ގަވާނަންސް ނުވަތަ ސަލާމަތީ ސެކްޓަރުގެ ބާރަކީ، 1990ގެ އަހަރުތަކުން ފެށިގެން ޑިމޮކްރަޓިކް ވެށީގެ ނިޒާމުގެ ތެރެއިން އަލަށް ތައާރަފުވި ނުފޫޒުގަދަ ފިކުރެކެވެ. މިއާއެކު ޑިމޮކްރަސީއެއްގައި މި ބާރުތައް ޖަވާބުދާރީ ކުރުވުމާ، މަދަނީ ކޮންޓްރޯލާ ގުޅުންހުރި ކަންކަމަކީ އިސްތިސްނާ ކުރެވޭނެ ކަންކަމެއް ނުނެވެ.

ސަލާމަތީ ސެކްޓަރުގެ ބާރުތަކަކީ ބިނާކުރަނިވި އުސްލޫބަކުން ބަހާލެވިފައިވާ ބާރުތަކަށް ވަނީނަމަ، އެއީ އެ ބާރަކާ މަތިކޮށްފައިވާ އިޖުތިމާއީ ސަލާމަތްތެރިކަމާ ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުމުގެ ޒިންމާ އެންމެ ރަނގަޅަށް އަދާކުރަނިވި ބާރެއް ކަމަށް ސިފަކުރެވެއެވެ. ދާހިލީ އަދި ހާރިޖީ ނުރައްކާތަކުން މުޖުމައެއް ސަލާމަތް ކޮށްދޭނެ ބާރަކަށް އެފަދަ ބަޔަކު ވެގެންދާނެއެވެ. މިފަދަ ބާރަކުން ވެރިކަން ހިންގާނީ ގާނޫނީ އިމުގެ ތެރެއިން، އިންސާނީ ހައްގުތަކުގެ ބަހާގެ ތެރެއިންނެވެ.

ހޯމް މިނިސްޓަރު އިމްރާން / ފޮޓޯ: ހޯމް މިނިސްޓްރީ

މިއާ ހިލާފަށް، ދޯދިޔާ އުސޫލެއްގެ ތެރެއިން އެކުލަވާލެވޭ ސަލާމަތީ ސެކްޓަރު ވެގެންދާނީ ޖަވާބުދާރީ ކުރުވުމަށް ގޮންޖެހުން ބޮޑު ހުރަސްތަކެއް ކުރިމަތި ކުރުވާނެ ބާރަކަށެވެ. ސަލާމަތީ ބާރުތަކަށް ސިޔާސީ ނުފޫޒު ވަނުމާ، ސަލާމަތީ ބާރުތަކުގެ މެމްބަރުން ސިޔާސީ ވުމަކީ ނުވެ ނުދާނެ ކަންކަމެވެ.

އެސްއެސްޖީއާއި ގާނޫނު ހަދާ މަޖިލިސް

ސަލާމަތީ ސެކްޓަރުގެ ބާރުތަކާ މަޖިލީހާ އޮތް ގުޅުމަށް ބަލާއިރު، މަޖިލީހުގެ ދައުރު 3 ޒިންމާއަކަށް ބައި ކުރެވެއެވެ. އެއީ ގާނޫނީ، ސުޕަވައިޒް ކުރުން އަދި ބަޖެޓް ކޯންޓްރޯލްގެ ދާއިރާއެވެ.

ގާނުނީ ބާރު

ސަލާމަތީ ސެކްޓަރުގެ މަސްލަހަތު އެކުލެވޭ ގާނޫނުތައް ތައާރާފު ކުރުމަކީ މަޖިލީހުން އަދާ ކުރާ އެންމެ އިސް އެއް ދައުރެވެ. ވެރިކަން ހިންގާ ބާރުން ހުށަހަޅާ ބިލްތަކާ، ކުރީގެ މަޖިލިސްތަކުން އެކުލަވާލާފައިވާ ގާނޫނުތައް މުރާޖައާކޮށް، އިސްލާހު ކުރުމަކީވެސް މަޖިލީހުގެ ޒިންމާއެކެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އެގައުމަކުން ތަސްދީގު ކޮށްފައިވާ ގާނޫނުތަކުގައި ލާޒިމުކުރާ ކަންކަމަކީ، ދާހިލީ ގާނޫނުން ތަމްސީލުވާ ނުކުތާތަކެއް ކަމުގައި ކަށަވަރު ކުރުމަކީވެސް މަޖިލީހުގެ މެންޑޭޓުން ބޭރު ކުރެވޭނެ ކަމެއް ނޫނެވެ.

ސުޕަވައިޒް

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ވެރިކަމެއްގެ އެންމެ ނުފޫޒުގަދަ އެއް ބާރަށް ވާއިރު، ރައްޔިތުންގެ ސަލާމަތަށް ނިކުންނަން އޮތް ބާރެއްގެ މަސައްކަތްތައް ވިލަރެސް ކުރުމުގެ ހައްގު، އެ މަޖިލީހަކަށް ނުލިބޭންވީ ސަބަބެއް ނެތެވެ. އެހެންކަމުން، ސަލާމަތީ ސެކްޓަރާ ގުޅުން ހުރި އިދާރާތަކާ މުއައްސަސާތަކަށް އަމަލީ ގޮތުން ޒިޔާރަތްކޮށްގެން ކަންކަން ބެލުމުގެ ބާރުވެސް މަޖިލީހަށް ލިބޭކަމަށް މި ރޮނގުން ހަދާފައިވާ އިލްމީ ދިރާސާތައްވެސް ބާރުދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް

ބަޖެޓް ކޮންޓްރޯލް

ވެރިކަން ހިންގުމުގެ ބާރުން ސެކިއުރިޓީ ސެކްޓަރަށް ހުށަހަޅާ ބަޖެޓްތައް މުރާޖައާ ކުރުމުގެ ފުރިހަމަ ބާރު އޮންނަ ބަޔަކީވެސް ގާނޫނު ހަދާ މަޖިލީހެވެ. ސަލާމަތީ ސެކްޓަރަށް ކުރަންޖެހޭ ހަރަދުތަކުގެ ތަފްސީލީ ނިންމުންތައް އެ މުއައްސަސާއަކުން ނިންމި ނަމަވެސް، ޖުމުލަ ކޮންޓްރޯލް އޮންނަނީ މަޖިލީހަށް ކަމަށްވާއިރު ބަޖެޓާ ގުޅުން ހުރި ކަންކަމުގައިވެސް ސަލާމަތީ ސެކްޓަރުން މަޖިލީހަށް ޖަވާބުދާރީ ނުވާންވީ ސަބަބެއް ނެތެވެ.

މި ހުރިހާ ބާރަކާ އެކުގައިވެސް ސަލާމަތީ ސެކްޓަރާ ގުޅުންހުރި ކަންކަމުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަޖިލީހަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. މިކަން އެންމެ ފުރަތަމަވެސް ގުޅެނީ ސަލާމަތީ ސެކްޓަރާ ގުޅުންހުރި ސިއްރު ހިފެހެއްޓުމުގެ ހައްގާއެވެ. މީގެ ތެރޭގައި ބަޖެޓް އަދި ޕްރޮކިއުމަންޓް ތަފްސީލުތައްވެސް ހިމެނެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ކަން ހިނގަމުންދާ ގޮތަށް ބަލާއިރު ސަލާމަތީ ސެކްޓަރުން 'ސިއްރު' ސިއްކަ ޖަހާފައިވާ މައުލުމާތު ހޯދުމަށް މަޖިލީހަށް ބާރު ލިބިދޭ ނިޒާމުތަކެއް ވަނީ އެކަށައަލާފައެވެ. އަނެއް ބައި ގައުމުތަކުން އަދިވެސް ދަނީ މިކަން ކުރާނެ ގޮތެއް އޮތްތޯ ބަލަމުންނެވެ.

ދެވަނަ ގޮންޖެހުމަކަށް ވަނީ ސަލާމަތީ ސެކްޓަރުގެ ފަންނީ ތަޖުރިބާ ލިބިފައިވާ މެމްބަރުން، މަޖިލީހުގެ ގޮނޑިތަކުގައި ނެތުމެވެ. ނުވަތަ މަދުވުމެވެ. ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ މި އުނިކަން ފޫބެއްދުމުގެ ގޮތުން، މަޖިލީހުގެ މެމްބަރުން ސަލާމަތީ ސެކްޓަރަށް އަހުލުވެރިކުރުވުމުގެ ބޮޑެތި މަޝްރޫއުތައް ހިންގާފައެވެ. މީގެ ތެރޭގައި ހާއްސަ ތަމްރީނުތައް ދިނުމާ، ބައިނަލްއަގުވާމީ ފެންވަރުގައި މައުލޫމާތާ ތަޖުރިބާ ބަދަލު ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން ކުރާކަން ފާހަގަކުރަންޖެހެއެވެ.

ޑިމޮކްރަސީގެ އެންމެ ޅަފަތުގެ މަރުހަލާގައި އޮތް ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުން މިހާރުވެސް މަސައްކަތް ކުރަމުންދަނީ ސަލާމަތީ ސެކްޓަރު ޖަވާބުދާރީ ކުރުވާނެ ނިޒާމުތައް އެކުލަވާލުމަށާ، ޖަވާބުދާރީ ކުރުވާނި އުސޫލުތައް އެކުލަވާލުމަށެވެ.

ފުލުހުންގެ ބާރާ މަޖިލިސް

ފުލުހުންގެ ބާރާ ކޮންޓްރޯލަކީ ޑިމޮކްރަޓިކް ނިޒާމެއްގެ އެކި ލޭޔަރުތަކަކަށް ބެހިގެންދާ ބާރެކެވެ. މީގެ ތެރޭގައި އޭގެ ޒާތުގައި ފުލުހުންނާ، ވެރިކަން ހިންގުމުގެ ބާރާ، ޝަރުއީ ބާރާ، ގާނޫނު އެކުލަވާލުމުގެ ބާރު އަދި މިނިވަން މުއައްސަސާތަކުގެ ބާރުވެސް ހިމެނެއެވެ.

ހޯމް މިނިސްޓަރު އިމްރާން --

ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއްގައި އާންމު އޮފިޝަލުންނަކީ، އެ އޮފިޝަލުން ނިސްބަތްވާ މުއައްސަސާއާއި މަތިކޮށްފައިވާ އިދާރާތަކަށް ފުރިހަމައަށް ޖަވާބުދާރީ ވާންޖެހޭ ބައެކެވެ. ފުލުހުންގެ ޗީފް ނުވަތަ އެންމެ އިސްވެރިޔާއަށްވެސް މިކަމުގައި އިސްތިސްނާއެއް ނެތެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މި ކަން އޮންނަ ގޮތަށް ބަލާއިރު، ފުލުހުންގެ ބާރުތަކާ ގުޅުންހުރި ކަންކަން ބަލާ، ވިލަރެސް ކޮށް ރިއާޔަތް ކުރުމަށް، ގިނަ ގައުމުތަކުގެ މަޖިލީހުގައި ހާއްސަ ކޮމިޓީތަކެއް ނުވަތަ ސަބް ކޮމިޓީތަކެއް އެކުލަވާލާފައިވެއެވެ. އެ ކޮމިޓީތަކުން ބަލަނީ މައިގަނޑު 3 ކަމެކެވެ.

ގާނޫނީ ދާއިރާ

  • ފުލުހުންނާ ގުޅޭ ގާނޫނީ އޮނިގަނޑު ރޭވިފަ އޮތީ އެންމެ ފުރިހަމައަށްކަން ކަށަވަރު ކުރުން
  • ފުލުހުންގެ ހިދުމަތާ ގުޅުންހުރި ގާނޫނުތަކަކީ އެންމެ ފުރިހަމަ ގާނޫނުތަކެއް ކަން ކަށަވަރުކޮށް، އާ ގާނޫނުތަކަކަށް ބޭނުންވާ ނަމަ އެކަން ކުރުން (ފުލުހުންގެ ހިދުމަތާ، ފުލުހުންނަށް ލިބިދޭ ހާއްސަ ބާރާ އިމްތިޔާޒުތަކުގެ ގާނޫނާ، ކުއްލި ނުރައްކަލާ ގުޅުންހުރި ގާނޫނުތަކާ، ހަމަނުޖެހުން ކޮންޓްރޯލް ކުރުމާ ގުޅޭ ގާނޫނުތައްވެސް މީގައި ހިމެނޭ)
  • ފުލުހުންގެ މުސާރައާއި، ބާރުތަކާ ޖަވާބުދާރީ ކުރުމާ، ޝަކުވާތަކޭ ބެހޭ އިދާރާތަކާ ގުޅުން ހުރި ގާނޫނުތައް އެކުލަވާލުން

އޯވާސައިޓް/ސުޕަވައިޒް ކުރުން

  • ފުލުހުންގެ ހިދުމަތާ ގުޅިގެން ބަލަންޖެހޭ ކަންކަން، މިސާލަކަށް ތަސައްވުރާ ޑޮކްޓްރިން އަދި ފުލުސް ފައުޖުގެ ބޮޑު/ކުޑަ މިން ސުޕަވައިޒް ކުރުމާ ހާއްސަ ބާރުތަކަށް އިޒުނަ ދިނުން
  • ފުލުހުންގެ ހިދުމަތުގެ އެންމެ އިސް މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ 'ތަހުގީގު' ހިންގުން
  • ފުލުހުންގެ ހަރަކާތްތަކާ ގުޅޭ ތަހުގީގު ހިންގުން، ވަކިން ހާއްސަކޮށް، ގެއްލުން ދެނެވި ބާރުގެ ބޭނުން ކުރުމާ ގުޅުން ހުރި ކަންކަމުގަ
  • ފުލުހުންގެ ހަރަކާތްތަކާ ގުޅެ ގޮތުން މަޖިލީހުގެ ފެންވަރުގައި ހާއްސަ އިންކުއަރީތައް ކުރިއަށް ގެންދިއުން

ބަޖެޓް ކޮންޓްރޯލް

  • ހުށަހަޅާފައިވާ ބަޖެޓް ފާސްކުރުން ނުވަތަ ފާސް ނުކޮށް ދޫކޮށްލުން
  • ފުލުހުންނަށް ސަރުކާރުން ކުރާ ހަރަދުތަކަށް ގެންނަ ބަދަލުތަކުގެ ތަހުގީގުތައް ހިންގުން
  • ފުލުހުންނަށް އެކަށީގެންވާ ބަޖެޓެއް ހަމަޖެހިފައިވޭތޯ ކަށަވަރުކޮށް، އެކަންކަން ހަމަޖެއްސުން
  • ފުލުހުންގެ ހިދުމަތްތަކަށް ހިނގާ އޮޑިޓްއާއި އެފަދަ ރިޕޯޓްތައް މުރާޖައާ ކުރުން

ފުލުހުންގެ ބާރަށް މަޖިލީހުގެ މައްޗަށް އޮތް ދައުރަށް ސިޔާސީ ނިޒާމުން ފޯރާ ނުފޫޒު

މިކަންވެސް 3 ދާއިރާއަކަށް ބެހިގެންދެއެވެ. އެއީ އެ ގައުމެއް ލާމަރުކަޒީ ވެފައިވާ މިންވަރަކާ، އެ ގައުމެއްގައި އޮތް ސިޔާސީ ނިޒާމަކާ، ގާނޫނު ހަދާ މަޖިލިސް ރޭވިފައި އޮންނަ ގޮތުގެ މައްޗަށެވެ.

ގައުމެއް ލާމަރުކަޒީ ވާ ވަރަކަށް ފުލުހުންގެ ބާރުތަކުގެ މައްޗަށް މަޖިލީހަށް އަދާކުރެވޭ ދައުރުތައް ހަނިވެއެވެ. އެހެނީ އެފަދަ ހާލެއްގައި ފުލުހުންގެ ބާރުތައް ސަރަހައްދީ ބާރުތަކެއްގެ މައްޗަށް ބައިވެގެން ދިއުމެވެ. ލާމަރުކަޒީ އުސޫލުތަކާ ދުރުވާ ވަރަކަށް، ފުލުހުންގެ ބާރުގެ މައްޗަށް މަޖިލީހުގައި އޮންނަ ދައުރު ފުޅާވެއެވެ.

މަގުމަތީގައި އުޅޭ މީހުންނަށް ފުލުހުން ނަސޭހަތް ދެނީ

އެގައުމުގެ ސިޔާސީ ނިޒާމު އޮންނަ ގޮތޭ މި ދަންނަވަނީ ރިޔާސީ ނިޒާމާ ބަރުލަމާނީ ނިޒާމުގެ ވާހަކައެވެ. ފުލުހުންގެ ބާރުގެ މައްޗަށް ގާނޫނު ހަދާ މަޖިލީހު ފުޅާވަނީ ބަރުލަމާނީ ނިޒާމުން ވެރިކަން ހިންގާ ގައުމުތަކުގައި އޮންނަ މަޖިލިސްތަކަށެވެ. މިއާ ހިލާފަށް ރިޔާސީ ނިޒާމެއްގައި ފުލުހުންގެ ބާރުގެ މައްޗަށް ދައުރު ބޮޑި ވެރިކަން ހިންގުމުގެ ބާރަށެވެ.

ހަމަ މިފަދައިން މަޖިލީހަކީ ޔުނިކެމަރަލް ނުވަތަ ބައިކެމަރަލް އުސޫލުން ހިންގާ މަޖިލީހެއްގައިވެސް ފުލުހުންގެ ބާރުގެ މައްޗަށް މަޖިލީހުގައި އޮންނަ ދައުރު ތަފާތު ވެއެއެވެ.

އެންމެ ރަނގަޅަށް މިކަން ކުރަނީ ކޮން ގައުމަކުން؟

މިކަންކަމަށް ރިއާޔަތްކޮށް، ދުނިޔޭގެ ބައެއް ގައުމުތަކުގައި ފުލުހުންގެ ބާރަށް މަޖިލީހުގައި ދައުރު އޮތް ގޮތާ ހާލަތަށް ބަލާލަންޖެހެއެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއެވެ. ރާއްޖެއާއި އެންމެ ގާތުން އޮތް އެންމެ ބޮޑު އަވަށްޓެރިޔާއެވެ. އިންޑިއާގައި މިކަން އޮތް ގޮތުގެ މައްޗަށް ބިނާކޮށް އިލްމީ ފެންވަރުގައި ހަދާފައިވާ ދިރާސާތަކަށް ބަލާއިރު، މައްސަލަ އުޅެނީ އިންޑިއާގެ ނިޒާމުގައި ނޫންކަމަށާ ނަމަވެސް އެ ނިޒާމު ހިންގަން ތިބި މީހުންގެ މެދުގައި ކަމަށް ބުނެއެވެ. އެގޮތުން ރައްޔިތުންގެ ފަރާތުން ވެރިކަން ހިންގުމަށް އެ ރައްޔިތުން އިންތިހާބު ކުރި މެމްބަރުންގެ އަމަލުތައް ގިނަ ފަހަރު އޮންނަނީ ރައްޔިތުންގެ މަސްލަހަތުން ބޭރުގައެވެ.

ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެސް އިންގްލިޝް

އިންޑިއާގައި ވެރިކަން ހިންގުމުގެ ބާރުގެ އޮނިގަނޑު ރާވާފައި އޮންނަ ގޮތުން، ދާހިލީ ވުޒާރާގެ މެންޑޭޓް އިންތިހާއަށް ބޮޑެވެ. ވުޒާރާއަށް ކަތާ ވަރަށްވުރެވެސްމެއެވެ. ކަންކަން ވިލަރެސް ކުރުމަށް ކޮމިޝަންތަކެއް އެކުލަވާލި ކަމުގައި ވީ ނަމަވެސް، އަމަލީ ގޮތުން މަސައްކަތެއް އެދެވޭ ގޮތެއްގައި ނުހިނގައެވެ. ފުލުހުންގެ ކަންކަން ވިލަރެސް ކުރުމަށް ކަނޑައަޅާފައިވާ މެނޭޖަރުންގެ ފަރާތުންވެސް އަމަލީ މަސައްކަތެއް ހިނގާތީ ނުފެނެއެވެ.

އިންޑިއާގައި ފުލުހުން ޒިންމާދާރު ކުރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ މިނިވަން މީޑިއާއާއި ސަރުކާރު ހިއްސާ ނުވާ އަމިއްލަ ޖަމިއްޔާ (އެންޖީއޯ) ތަކެވެ.

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ބޮރިސް ޖޯންސަން (ކ) ގާނޫނު ހަދާ މަޖިލީހުގައި/ފޮޓޯ: ޝިކާގޯޓްރިބިއުން

ފުލުހުންގެ ބާރު ޖަވާބުދާރީ ކުރުވުމުގައި އެންމެ އިޖާބަދެނިވި ދައުރެއް އަދާކުރަމުންދާ ގައުމަކީ އިނގިރޭސިވިލާތް ކަމުގައި ބުނެވެއެވެ. މިއީ އެތައް އަހަރެއްގެ މަސައްކަތުން އެ ގައުމަށް ހާސިލުކުރެވުނު މިންވަރެކެވެ. އިނގިރޭސިވިލާތުން ޖަވާބުދާރީ ކުރުވަނީ ހަމައެކަނި ފުލުހުންގެ ބާރެއް ނޫނެވެ. ފުލުހުންގެ ބާރާ ގުޅުންހުރި ކަންކަން ވިލަރެސްކުރުމާ މަތިކޮށްފައިވާ އިދާރާތަކާ މުއައްސަސާތައްވެސް ޖަވާބުދާރީ ކުރުވައެވެ. މި ބުރަ މަސައްކަތް ކުރަމުންދަނީ ދެ ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައެވެ.

ނިންމުން

އިލްމީ ފެންވަރުގައި ފުލުހުންގެ ބާރާ މަޖިލީހުގެ ދައުރު ދިރާސާކުރާ ފަރާތްތަކުން ބުރަވާ ގޮތުގައި ޑިމޮކްރަޓިކް މޮޑެލްގައި މިއަމާޒު ހާސިލުކުރުމަށް ބަލަންވީ މިސާލަކީ އިނގިރޭސިވިލާތެވެ.

ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ އިންތިހާބަކުން ކަނޑައަޅާ ގާނޫނު ހަދާ މަޖިލީހަކީ ޑިމޮކްރަޓިކް މުޖުތަމައެއްގައި ފުލުހުންގެ ބާރު ޖަވާބުދާރީ ކުރެވެންޖެހޭނެ މަޖިލީހެކެވެ. އާންމުންގެ ހިދުމަތަކާ ގުޅިފައިވާ އެހެން މުއައްސަސާތަކެކޭ އެއްފަދައިން، ގާނޫނު ހަދާ މަޖިލީހަށް ފުލުހުން ޖަވާބުދާރީ ކުރުވެންވާނެއެވެ.

މަޖިލީހަށް ފުލުހުން ޖަވާބުދާރީ ކުރުވާ އިޖުރާއަރަކީ ބިނާކުރަނިވި އުސޫލަކަށް ވުން ލާޒިމެވެ. އަދި އެ އެމަޖިލީހަކީ އެ ފަދަ ކަމެއް ކުރުމަށް ކުފޫ ހަމަވާ މަޖިލީހަކަށްވެސް ވާންޖެހޭނެއެވެ.