ކޮވިޑް-19 އިން ރައްކާތެރިވުމަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް ހަދިޔާކޮށްފިއެވެ.

މިތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވަނީ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެ ވަޑައިގަތީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮމަރު އަބްދުލް ރައްޒާގެވެ.

އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕްރޮޓެކްޓިވް ކަވާރޯލް، ލެޓެކްސް ގްލަވްސް، ސޭފްޓީ ގޮގްލްސް އަދި ސާޖިކަލް އަންގިއެވެ. މިރަސްމިއްޔާތުގައި އެމެރިކާ އެމްބަސީގެ އިސް ބޭފުޅުންނާއި ދިވެހި އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް އަދި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮމަރު އަބްދުލް ރައްޒާގު

އެމެރިކާއިން ރާއްޖެއަށް ޕީޕީއީ ހަދިޔާކޮށްފައިވާއިރު، އެމެރިކާއިން ވަނީ ކޮވިޑުން ސަލަމަތްވުމަށްޓަކައި ރާއްޖެއަށް 2 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމާފައެވެ. 2 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަށް 30.8 މިލިއަން ދިވެހި ރުފިޔާއަކީ އެމެރިކާގެ އިކޮނޮމިކް ސަޕޯޓް ފަންޑް (އީއެސްއެފް)ގެ ތެރެއިން ހަމަޖެހިގެންދާ އެހީއެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމެރިކާ ހާރިޖިއްޔާއިން ބުނާ ގޮތުގައި އީއެސްއެފް އެހީއަކީ، ކުރުމުއްދަތުގައި ބަލިމަޑުކަމުގެ ގެއްލުންތަކުން އަރައިގަތުމުގެ އިތުރުން، ބަލިމަޑުކަމުގެ ސަބަބުން ދިގުމުއްދަތުގައި ދެން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުން އަރައިގަތުމަށް އެކި ސެކްޓަރުތަކަށް ހާއްސަކޮށްގެން ދެވޭ އެހީއެކެވެ.