މަސްވެރިއަކު ބޭނި މަހަކުން މީހެއްގެ ލޯމަތީގައި ޖެހި، ހާލު ދެރަވެގެން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ށ. ފޯކައިދޫގެ އިރު އުތުރުން 6 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މިޔަރެން" ދޯނީގައި ހުރި ދިވެހި ފަޅުވެރިއެއްގެ ލޯ މަތީގައި ބޭނި މަހަކުން ޖެހިގެން އަނިޔާވެފައި ވާ ކަމަށެވެ. އަދި އޭނާގެ ހާލު ދެރަވެގެން އެމްއެންޑީއެފުން ހަރަކާތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 9 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ހަރަކާތެރިވަމުން ދަނީ އެމްއެންޑީއެފް ނޮދާން އޭރިއާ، ކޯސްޓްގާޑް ސްކޮޑްރަން ކުޅުދުއްފުށީ ޕޯސްޓުން ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 65 އަހަރުގެ މީހަކަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މަހަށް ނިކުމެ އުޅުނު މީހެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މަސްވެރިކަމަށް ނުކުމެ އުޅޭ ފަރާތްތަކަށް ދިމާވާ މިފަދަ ސިއްހީ ކަންކަމުގައި އެމްއެންޑީއެފުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، މިދިޔަ ޖޫން 12 ވަނަ ދުވަހު މަހަށް ގޮސް އުޅުނު މީހެއްގެ ސިއްހީ ހާލަތު ގޯސްވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ ކ. ގާފަރަށް ގެންގޮސް ދީފައެވެ. އޭނާ ގާފަރަށް ގެންގޮސްދީފައި ވަނީ އެދުވަހު ހަވީރު 3:15 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ހާލު ބޮޑުވެގެން ގާފަރަށް ގެންގޮސްދީފައި ވަނީ އެރަށުގެ އިރުދެކުނުން 11.4 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އުއްމީދު" ދޯނީގައި ހުރި މީހެއް ކަމަށެވެ. އޭނާއަކީ އުމުރުން 26 އަހަރުގެ ދިވެހި ފަޅުވެރިއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.