ޓޫރިޒަމް މިނިސްޓްރީން ފައިސާގެ މުއާމަލާތެއް ހިންގަވަން ބޭނުންފުޅު ނުވާ ކަމަށާއި، ތިޖޫރީގައި ހުރީ ދުފާއެއްޗިހި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ، ރޭ ޓޫރިޒަމް މިނިސްޓްރީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމްގެ ފީތައް ދެން ނަގަން ޖެހޭނީ މިނިސްޓްރީން ކަމަށް ބުނެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުން އެހެން ހުކުމްކޮށްފައި ވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ކަހަލަ ފައިސާއެއް ޖަމާކުރަން ބޭނުންފުޅު ނުވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ހުރިހާ ކަމެއް ކުރުމުގެ ކެޕޭސިޓީ ޓޫރިޒަމް މިނިސްޓްރީގައި ހުންނާނެ ކަމަށް ރައްޔިތުން ގަބޫލު ކުރާނެ ކަމަށާއި ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ކަހަލަ ފައިސާއެއް ޖަމާކުރުމަށް ވުރެ ބޭނުންފުޅު ނުވާ ކަމެއް ނޯންނާނެ ކަމަށެވެ. އަދި މިވީ ދޮޅު އަހަރުތެރޭގައި އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް ނުވަތަ ފައިސާއާ ބެހޭ ތުހުމަތެއް އެޅިފައިވެސް ނޯންނާނެ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މިނިސްޓްރީ ކުރިއަށް ގެންދަވަން ބޭނުންފުޅު ވަނީ އެގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ޓޫރިޒަމަށް ފީތައް ޖަމާކުރުމާ ބެހޭގޮތުން، ފިނޭންސް މިނިސްޓްރީއާއި ބަންޑާރަނައިބުގެ އޮފީހާއި މީރާއާ ގުޅިގެން އެޑްރެސް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ޓޫރިޒަމަށް ފައިސާ ޖަމާކުރުމާމެދު ހޯދޭނެ ހައްލަކަށް ފިނޭންސާއި، މީރާއާ އެއްކޮށް މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެެވެ.

އަޅުގަނޑުމެންގެ އޮފީހުގައި އެބައިން ދެ ތިޖޫރީ، އޭގައި އަޅުގަނޑަށް އެނގިގެން ހުރީ ދުފާއެއްޗިހި. އެއްވެސް ކަހަލަ ފައިސާއެއް ޓޫރިޒަމް މިނިސްޓްރީގައި ނުހުންނާނެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ، އޭނާ ގަބޫލު ކުރައްވާ ހިތް ވަނީ އަދި ޔަގީން ކުރައްވާ ހިތް ވަނީ ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ފައިސާއެއް ޖަމާކުރަން ނުޖެހޭނެ ކަމަށް ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީ ހިންގާ އޮފީހުގައި ހުރި ދެ ތިޖޫރީގައި އޭނާއަށް އެނގިވަޑައިގެން ހުރީ ދުފާއެއްޗިހި ކަމަށާއި، އެއްވެސް ކަހަލަ ފައިސާއެއް ޓޫރިޒަމް މިނިސްޓްރީގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ، އޭނާ މިނިސްޓަރަކަށް ހުނަންވައިގެން އެ މިނިސްޓްރީއަށް ފައިސާ ވަނަ ވެސް ނުދޭން ގަސްތުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ކުރިން އޮންނަނީ ރަށްތަށް ދޫކުރުމުގެ ކަންކަމުގައި އެމްއެމްޕީއާރްސީއާއި ޓޫރިޒަމާ ވަރަށް ގުޅިފައި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ މެންޑޭޓުތައް ކަނޑައެޅިފައިވާ ގޮތުން، އެމްއެމްޕީއާރްސީއާއި ޓޫރިޒަމް މިނިސްޓްރީއާ ތަރުތީބު ވެފަ އޮތް ގޮތުން އެކަހަލަ އެއްވެސް ކަމެއް އެ ދެ އިދާރާގެ ދޭތެރޭގައި ހިނގަމުން ނުދާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބިޑަކާ ނުލާ ރަށް ދޫކުރުމެއް ވެސް މިހާރު ނޯންނާނެ ކަމަށާއި، އެމްއެމްޕީއާރްސީން މީހުންނަށް ރަށްތައް ދޫކުރުމެއް ވެސް ނުހިނގާނެ ކަމަށެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައި ވާއިރު، ފަހުގެ ތާރީހެއްގައި ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް ހިނގާފައި ވަނީ އެމްއެމްޕީއާރްސީއާއި، ޓޫރިޒަމް މިނިސްޓްރީން، ރަށްތައް ކުއްޔަށް ދޫކޮށްގެންނެވެ. އެގޮތުން މި ހިޔާނާތުގައި 267 މީހަކު ބައިވެރިވެފައިވާ ކަމަށް މި ހިޔާނާތް ތަހުގީގު ކުރަމުންދާ ފަރާތްތަކުން ބުނެއެވެ. އޭގެ ތެރޭގައި، 8 ފަނޑިޔާރަކާއި، މިހާރުގެ ސަރުކާރުގައި ތިއްބެވި 7 ބޭފުޅަކާއި، 18 ވަނަ މަޖިލީހުގެ 44 މެންބަރުންނާއި 19 ވަނަ މަޖިލީހުގެ 16 މެންބަރެއް ހިމެނޭ ކަންވެސް ވަނީ ހާމަކޮށްފައެވެ.