ފެބްރުއަރީ 7، 2012 ވީ ދުވަހަކީ ހުދުމުހުތާރު ވެރިކަމެއް ބަދަލުވެގެން ދިޔަ ދުވަހެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ ވިދާޅުވީ، 7 ފެބްރުއަރީ އަކީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާ ކަމުގައިވާ ރައްޔިތުންގެ ސިޔާދަތު މިގައުމުގައި ކަށަވަރުވެގެން ދިޔަ ދުވަހެެއް ކަމަށެވެ. އަދި ހުދުމުހުތާރު ވެރިކަމެއް ޕޮޕިއުލާ ރެވެލިއުޝަނަކުން ބަދަލުވެގެން ދިޔަ ދުވަހެެއް ކަމަށާއި، ޖެހިގެން އައި ދުވަހު ރައްޔިތުންނަށް ކުރި އަނިޔާތަކާއި، ތަންތަން ރޯކުރި ކުރުމަކީ ތަގާދުމްވާނެ ކުށްތަކެއް ނޫން ކަމަށެވެ.
ޑރ. ދީދީ އެހެން ވިދާޅުވީ، 7 ފެބްރުއަރީ އަކީ "ބަޣާވާތެއް" ކަމަށާއި، ވެރިކަން ވައްޓާލި ގޮތް އަލުން ބެލިނަމަވެސް އެއީ "ބަޣާވާތެއް" ކަން އެނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ރައީސްގެ އިތުރުން ބައެއް މެންބަރުން ވާހަކަ ދައްކަވާފައި ވާތީ ކަމަށް ގަބޫލު ކުރެވެއެވެ. އަދި މިހާރު 7 ފެބްރުއަރީގެ ވާހަކަ އާ ކޮށްކޮށްފައި ދައްކާތީ އެކަމަށް ދެއްވި ރައްދެއް ކަމަށްވެސް ބެލެވެއެވެ.
7 ފެބްރުއަރީގައި ވެއްޓުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފެބްރުއަރީ 7 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުން ތަކަށް ފަހު ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ބުނާ ބުނުން އަދިވެސް ގެންދަނީ އާކުރަމުންނެވެ. އެކަމަކު ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.