އައްޑޫ ސިޓީ މީދޫގައި ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ، މިމައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިއަދު ކަމަށެވެ. އެގޮތުން، މި މައްސަލައިގައި ހައްޔަރުކޮށް، ދައުވާ ކުރުމަށް ފޮނުވާފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖޫން 16 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފައެވެ. އަދި އެއަމުރު މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން އެކޯޓުގައި އެދުމުން އެކޯޓުން ވަނީ އިއްޔެ އެއަމުރު މުރާޖައާކޮށް، މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ގޭބަންދުގެ ބަދަލުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަލުން އަމުރުކޮށްފައެވެ.
އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައި ވާކަމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ މޭ މަުގެ 28 ވަނަ ދުވަހެވެ. އަދި މި މައްސަލައިގެ ތަހުގީގަށް 30 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މެއިމަހުގެ 29 ވަނަ ދުވަހެވެ. މި މައްސަލަ ހުށަހެޅުމާއެކު ބެލިބެލިމުން، އެ އަމަލު ހިންގި މީހާ އިތުރު ދެ މީހަކަށް ވެސް ޖިންސީ ގޯނާކޮށްފައިވާކަން އެނގިފައިވާ ކަމަށާއި، އެ ދެމީހުންނަކީ އުމުރުން 66 އަހަރުގެ އަންހެނަކާއި އުމުރުން 65 އަހަރުގެ އަންހެނަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.