ފުލުހުންގެ ގާނޫނު އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ބޮޑެތި ބާރުތައް ނަގާއިރު، ފުލުހުންނާ މެދު ގޮތް ކިޔަން ސިޔާސީ މީހުން ތިބޭނެ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ، 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފުލުހުންނާ މެދު ގޮތް ކިޔަން 241 ކޮމިޓީގެ މެންބަރުން ތިބޭ އިރު، އެ ކޮމިޓީގެ މެންބަރުންގެ ގާބިލުކަމާއި ޕްރޮފެޝަނަލިޒަމް ހިފަހައްޓާނެ މިންވަރާ ބެހޭ ގޮތުން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އަސްލަމް ވިދާޅުވީ މަޖިލީހަށް މެންބަރުން ހޮވާފައި ތިބެނީ ރައްޔިތުން ކަމަށާއި 241 ކޮމިޓީއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އުފެދިފައި އޮންނަ ކޮމިޓީއަކަށް ވާއިރު އެ ކޮމިޓީގައި ތިބޭނީ ސިޔާސީ މީހުން ކަމަށެވެ. އަދި އެ ކޮމިޓީއަށް ނަގާ މީހުންގެ ތެރޭގައ ޓެކްނިކަލް މީހުންވެސް ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައި ތައުލީމީ ގޮތުން ގާބިލުކަން ނެތް މީހުން ތިބުމާއި ފުލުހުންނަށް މުގުރު ބުރި ދީފައި ސަރުދާރުންގެ ގޮތުގައި ނެރެން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކާފައި ވާއިރު 241 ކޮމިޓީއަކީވެސް މަޖިލީހުގެ ދައުރު ބަދަލުވާ އިރު ބަދަލުވާނެ ބައެއް ނޫންތޯއާއި، އެ ކޮމިޓީގައި ތިބޭ މީހުންގެ ތައުލީމީ ފެންވަރާ، ގާބިލުކަން އެނގޭނެ ގޮތެއް އޮތްތޯ އެހުމުން، ކޮމިޓީން ބުނީ، އެކަން ޖެހޭނީ މަހިލީހަށް ކުރިމަތިލާ މެންބަރުންގެ ޝަތުރު ތަކުގައި އެކަން ފާހަގަ ކުރަން ކަމަށެވެ.

އެ ޝަތުރު ތަކުގައި އެކަން ނެތި ރައްޔިތުން ހޮވާ މީހަކު މަޖިލީހުގައި ތަމްސީލު ކުރަނީ ރައްޔިތުން އެގޮތަށް ގަބޫލު ކުރާތީ ކަމަށް ކޮމިޓީން ބުނެއެވެ.

ކޮމިޓީން އިތުރަށް ބުނީ، އެ ކޮމެޓީގެ މުޅި އަމާޒު ހުރީ ޕްރޮފެޝަނަލް ފުލުހުންގެ މުއައްސަސާއެއް އުފައްދަން ކަމަށެވެ. އަދި އެ ބިލު ހުށަހަޅާފައި ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާވެސް ކުރުމަށް ފަހު ކަމަށާ، ޕޮލިސް ރިފޯމް ކުރަނީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ވެސް ހުރުމުގެ އިތުރުން ގާނޫނާ ހިލާފު ކަންތައްތަކެއްވެސް ފުލުހުންގެ ތެރޭގައި ހިނގަމުން ދާކަން ފުލުހުންވެސް ފާހަގަ ކޮށްފައި ވާ ދަނޑިވަޅެއްގައި ކަމަށެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ، 241 ކޮމިޓީއަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި ބަދަލުތައް ގެންނަން އެންގުމުގެ ބާރު ކޮމިޓީ އަށް އޮވެއެވެ. އަދި ފުލުހުން ހިންގަމުންދާ ނުވަތަ ހިންގާފައި ވާ ނުވަތަ ހިންގަން ގަސްދުކުރާ އެކި އެކި އޮޕަރޭޝަންތަކާއި ހަރަކާތްތަކާ ބެހޭ މައުލޫމާތުގެ ތެރެއިން ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތު އޮޅުންފިލުވޭނެއެވެ. ތަހުގީގަށް ބަންދުކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުތައް ދެނެގަތުމާއި އެ އުސޫލުތައް ބަދަލުކުރަން އެންގުމުގެ ބާރު ވެސް އެ ބިލް ގާނޫނަކަށް ވުމުން ކޮމިޓީ އަށް އޮންނާނެއެވެ.