މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއިން މިހާތަނަށް 90 މިލިއަނަކަށް ވުރެ ގިނަ ސާމްޕަލް، ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާނެ ކަމަށް ޗައިނާގެ ސަރުކާރުން ހާމަކޮށްފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުގެ އޮފިޝަލެއް ކަމަށްވާ ގުއޯ ޔަންހޮންގް ވިދާޅުވީ، ޗައިނާގެ އެކި ހިސާބުތަކުގައި ހިންގާ މެޑިކަލް އަދި ހެލްތް އިންސްޓިޓިއުޝަންތަކުން ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށް 90.41 މިލިއަން ނިއުކްލެއިކް އެސިޑް ޓެސްޓު ހަދާފައިވާކަމަށެވެ.

ކޮވިޑް-19އަށް ޓެސްޓު ކުރަމުންދާ އުސޫލަށް ބަލާއިރު އެމީހަކީ، ކޮވިޑް-19އަށް ޝައްކު ކުރެވޭ މީހެއް ނަމަ، ނުވަތަ ރަނގަޅުވެފައިވާ ޕޭޝަންޓެއް ނަމަ ނުވަތަ ބޭރުން އަންނަ މީހެއް ނުވަތަ ޕޮޒިޓިވް ކޭހަކާ ކޮންޓެކްޓްވި މީހެއް ނަމަ އެ މީހެއްގެ ހަށިގަނޑުގައި ތަކުރާރުކޮށް މި ޓެސްޓު ހަދައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވޫހާން ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: އެންވައިޓީ

ގުއޯ ވިދާޅުވީ ޗައިނާއިން މިހާރުވެސް ޓެސްޓިންގް ކެޕޭސިޓީ އިތުރު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން މާޗް މަހުގެ ކުރީކޮޅު 2081 ތަނަކުން ޓެސްޓު ކުރެވުނު އިރު، މިހާރު 4804 ތަނަކުން ކޮވިޑް-19އަށް ޓެސްޓު ކުރެވޭނެކަން އޭނާ ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ނިއުކްލެއިކް އެސިޓް ޓެސްޓު ހެދޭ ފެންވަރުގެ ޓެކްނީޝަނުންގެ އަދަދުވެސް 13900 އިން 28500 އަށް މިހާރު އިތުރު ކޮށްފައިވާނެ ކަމަށް ގޫއޯ ވިދާޅުވިއެވެ.

ޗައިނާއިން ވަނީ ދުވާލެއްގެ މައްޗަށް ކޮވިޑް-19އަށް ޓެސްޓު ކުރާ މިންވަރުވެސް އިތުރު ކޮށްފައެވެ. އެގޮތުން މާޗް މަހުގެ ކުރީ ކޮޅު އެ ގައުމުން ދުވާލެއްގެ މައްޗަށް 1.26 މިލިއަން ޓެސްޓު ހަދާފައިވާއިރު، މިހާރު ދުވާލެއްގެ މައްޗަށް 3.78 މިލިއަން ޓެސްޓު ހަދަމުން ދާ ކަމަށް ގުއޯ ވަނީ ހާމަކުރައްވާފައެވެ.

ޗައިނާގެ ހުނާން ޕްރޮވިންސްގެ ރޭލު ސްޓޭޝަނެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތުގައި ވޮލަންޓިއަރުން ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ޗައިނާއިން މިހާރުވެސް ދަނީ ބާރު ސްޕީޑްގައި ޓެސްޓު ކުރުމުގެ މަސައްކަތްތައް ފުޅާ ކުރަމުންނެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފަށާފައިވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދުންނެވެ. މީގެ އިތުރުން، ކޮވިޑް-19ގެ ތަފާތު ބާވަތެއް، ވެރިރަށް ބެއިޖީންގްއިން މިމަހު ފެނިފައިވާކަމަށް ޗައިނާއިންވަނީ ރިޕޯޓްކޮށްފައެވެ. ޗައިނާއިން ވަނީ ތަފާތު ކަމަށް ބުނާ ވައިރަހުގެ ޖެނެޓިކް ސީކުއަންސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާއި ހިއްސާކޮށްފައެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ޗައިނާއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 83430 މީހުންނެވެ. މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދަކީ 4634 އެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، 21 ވަނަ އަށް އެންމެ ގިނަ ކޭސް ރިޕޯޓްކުރި ގައުމަކީ ޗައިނާއެވެ.