ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ ނުވަތަ ކޮވިޑް-19އަށް ޝައްކުކުރެވޭ މައިންގެ ގާތުން ކިރުބޯ ތުއްތު ކުދިންނާ ކުޑަކުދިން ތިބިނަމަ، އެކުދިންނަށް ގާތުން ދެމުން ދިއުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ގޮވާލައިފިއެވެ.

ޑަބްލިއުއެޗްއޯއިން އާންމުކުރި ސައެންޓިފިކް ބްރީފްއެއްގައި ބުނެފައިވަނީ، ގާތުން ކިރު ދިނުމުގައި ހުރި ފައިދާއަކީ، ކޮވިޑް-19 ވާރުތަ ވެގެން ދިއުމުގެ ނުރައްކަލަށްވުރެ ބޮޑު ފައިދާއެއް ކަމަށެވެ.

ޑަބްލިއުއެޗްއޯއިން މިފަދަ ނިންމުމެއް ނިންމީ ކިހިނެއް؟

ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ނުވަތަ ބައްޔަށް ޝައްކު ކުރެވޭ މައިންނާ، އެ މީހުންގެ ޅަ، ތުއްތު ދަރިންނާ އޮތް ގުޅުމާ ބެހޭ ދިރާސާތަކެއް ހަދާފައިވާކަމަށެވެ.

އަލަށް އުފަންވެފައިވާ ތުއްތު ކުދިންތަކެއް ހޮސްޕިޓަލެއްގެ ނާސަރީގައި/ފޮޓޯ: ޕަލްސް ހެޑްލައިންސް

މި ދިރާސާގައި މައިންނާ ގުޅުންހުރި 153 ކޭހެއް މުރާޖައާ ކޮށްފައިވެއެވެ. 46 މައެއްގެ ގާތުން ނެގި ކިރުވެސް ޓެސްޓު ކޮށްފައިވެއެވެ. މި ހުރިހާ އެންމެންގެ ހަށިގަނޑުގައި ކޮވިޑް-19 ހުރި ކަމުގައި ވީ ނަމަވެސް، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އެންމެ 13 ކުދިންނެވެ. މި ކުދިންނަށް ބަލި ޖެހުނީ ކިހިނެއް ކަމެއް، ދިރާސާ ޓީމަށް ހޯދިފައެއް ނުވެއެވެ. އެގޮތުން، އެކުދިން އިންފެކްޓްވީ ގާތުން ބުއި ކިރުގެ ސަބަބުން ކަމެއް، ނުވަތަ ޕޮޒިޓިވްވެފައިވާ މައިމީހާއާއި ކޮންޓެކްޓް ވުމުގެ ސަބަބުން ކަމެއް ދިރާސާ ޓީމަށް ކަށަވަރު ކޮށްދޭކަށް ނޭނގެއެވެ.

މުރާޖައާ ނިންމާލަމުން ބުނެފައިވަނީ، ޅަ، ތުއްތު ކުދިން ކޮވިޑް-19އަށް އިންފެކްޓް ވުމުގެ ނުރައްކާ ކުޑަ ކަމަށެވެ. އަދި އެކުދިންނަށް ވައިރަހުގެ އިންފެކްޝަން ޖެހެނީ ވަރަށް ކުޑަކޮށް، ނުވަތަ އެކުދިންނަކީ އެސިމްޓޮމެޓިކް ބައެއް ކަމަށާ، ނަމަވެސް މައިމީހާއާއި ތުއްތު ދަރިފުޅު ވަކިކޮށްގެން ގުޅުމާ، ގާތުން ކިރު ނުދިނުމުގެ ސަބަބުން ދެން ކުރިމަވާ ނަތީޖާ މުހިންމު ކަމަށެވެ.

ހޮސްޕިޓަަލަކަށް އަލަށް އުފަންވި ކުދިންގެ ތެރެއިން އާދަޔާ ހިލާފަށް ބިޔަ ތުއްތު ކުއްޖެއް/ފޮޓޯ: އެންވައިޕީ

އެގޮތުން ގާތުން ކިރު ދިނުމުގެ ސަބަބުން އެހެން އިންފެކްޝަންތަކަކުން ދަރިފުޅަށް ހިމާޔަތް ލިއްބައިދޭއިރު، ގާތުން ދިނުން ހުއްޓާލުމުން ކުރިމަތިވާ ނުރައްކަލަކީ ކޮރޯނާވައިރަހަށްވުރެ ބޮޑު ނުރައްކަލެއް ކަމަށް ދިރާސާ ޓީމާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.