އަވަށްޓެރި ޕާކިސްތާނުގެ ގައުމީ ކުރިކެޓް ޓީމުގެ 10 ކުޅުންތެރިއަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެއްޖެއެވެ.

ގައުމީ ކުރިކެޓް ޓީމުގެ 10 ކުޅުންތެރިއަކު ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ ޕާކިސްތާނުގެ ކުރިކެޓް ބޯޑު (ޕީސީބީ) ގެ ބަޔާނެއްގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ.

10 ކުޅުންތެރިންގެ އިތުރުން ޕާކިސްތާނު ގައުމީ ކުރިކެޓް ޓީމުގެ ސަޕޯޓް ސްޓާފެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޕީސީބީއިން އާންމު ބަޔާނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ބުނީ ޓެސްޓު މެޗުތަކަކާ، ޓްވެންޓީ-20 ގޭމްތަކަށް 29 މެމްބަރުންގެ ސްކޮޑެއް އެކުލަވާލާފައިވާކަމަށާ، ނަމަވެސް އެ ސްކޮޑްގެ 3 ބައިކުޅަ 1 ބައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 14 ދުވަހުގެ ސެލްފް-އައިސޮލޭޝަނަށް ދާންޖެހިފައިވާކަމަށެވެ.

ޕީސީބީގެ އިސްވެރިޔާ ވަސީމް ހާންއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ބުނީ ޖޫން 28 ވަނަ ދުވަހު ކުރިކެޓް ސްކޮޑް އިންގްލަންޑަށް ފުރަން ހަމަޖެހިފައިވާކަމަށާ، މި ދަތުރު ކުރާނީ ކޮވިޑް-19އަށް ނެގެޓިވްވާ ކުޅުންތެރިން ކަމަށެވެ.

އެންމެ ފަހުގެ ރެކޯޑްތަކަށް ބަލާއިރު ޖީއެމްޓީ ގަޑިން ރޭ 00:00 ފެށިގެން މިވަގުތާ ހިސާބަށްވެސް ޕާކިސްތާނުން 3892 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މި ވަގުތު ތެރޭގައި މި ބަލީގައި ޕާކިސްތާނުން 60 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ. އެކްޓިވް ކޭހުގެ ގޮތުގައި މިވަގުތު ޕާކިސްތާނުން ރިޕޯޓް ކޮށްފައި ވަނީ 107417 ކޭހެކެވެ. މީގެ ތެރޭގައި ސީރިއަސް/ކުރިޓިކަލް ހާލުގައި އޮތް 3337 ޕޭޝަންޓަކުވެސް ހިމެނެއެވެ. ޕާކިސްތާނުގައި މިހާތަނަށް 188926 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި އެގައުމުން 3755 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.