އެމެރިކާގެ ނޭޝަނަލް އެސޯސިއޭޝަން ފޮ ސްޓޮކް ކާ އޮޓޯ ރޭސިންގް (ނެސްކާ) ގެ ޒުވާން ޑްރައިވަރު، ބަބާ ވޮލަސްއަށް ހާއްސަކޮށްފައިވާ ގަރާޖުން، 'ދަންޖެހުމަށް' ތައްޔާރުކުރާ ޒާތުގެ ވާގަނޑެއް ފެނުނު މައްސަލައިގެ ތަހުގީގު، އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި)އިން ނިންމައިފިއެވެ.
ނެސްކާގައި ފުލްޓައިމް ޑްރައިވަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކަޅު ނަސްލަށް ނިސްބަތްވާ ހަމައެކަނި ޑްރައިވަރު ވޮލަސްގެ ގަރާޖުން ވާގަނޑު ފެނުނު ކަމުގައި ވީ ނަމަވެސް، އެކަމަކީ ނަސްލީ ގޮތުން އޮތް ތަފާތެއްގެ ސަބަބުން ހިންގާ ޖިނާއި ކުށެއްގެ ޝިކާރައަކަށް ވޮލަސް ވެފައިވުން ނޫންކަމަށް އެފްބީއައިއިން ބުނެއެވެ.
ވޮލަސްއަށް އެލަބޭމާގެ ޓެލަޑޭގާ ސުޕާސްޕީޑްވޭއިން ހާއްސަކުރި ގަރާޖުން ފެނުނު ވާގަނޑަކީ، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުވެސް އެ ގަރާޖުން ފެނުނު ވާގަނޑެއް ކަމަށް އެފްބީއައިންވަނީ ބުނެފައެވެ.
އެޓާނީ އަދި އެފްބީއައި ސްޕެޝަން އޭޖެންޓް އިންޗާޖު ޖޯޝީ ޝާޕް ޖޫނިއާ ވިދާޅުވީ، 4 ނަމްބަރު ގަރާޖުގައި 2019 ވަނަ އަހަރުން ފެށިގެން އެ ވާގަނޑު "ހުއްޓެއް" ކަމަކު، އެ ގަރާޖަކީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވޮލަސްއަށް ހާއްސަ ކުރާނެ ގަރާޖެއްކަން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށެވެ.
އެލަބޭމާ ރޭސްޓްރެކްގެ ގަރާޖުގައި މި ވާގަނޑު ހުއްޓާ، ރިޗާޑް ޕެޓި މޮޓޯސްޕޯޓްސްގެ ޓީމަށް ފެނުނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމާއެކު، އެފްބީއައިގެ 15 އޭޖެންޓުންގެ ޓީމަކުން މައްސަލަ ބަލަން ފެށިއެވެ. އަދި މިކަމުގައި ޖިނާއީ ޖަރީމާއެއް ހިންގާފައި ނުވާކަމަށް ވަނީ ނިންމާފައެވެ. އެ ވާގަނޑަކީ ގަރާޖުގެ ދޮރު ހުޅުވާ، ލައްޕާ ހެދުމަށް ބޭނުން ކުރަމުން އައި ވާގަނޑެއް ކަމަށްވެސް އެފްބީއައިގެ ތަހުގީގުން ވަނީ ނިންމާފައެވެ.
ވޮލަސްއަކީ މިހާރު އެމެރިކާގައި ހޫނުގަދަވަމުންދާ ކަޅު ނަސްލުގެ މީހުންގެ ހައްގުތަކާ ބެހޭ މުޒާހަރާތަކަށް ފާޅުގައި ތާއީދުކުރަމުންދާ ރޭސްކާ ޑްރައިވަރެކެވެ.