ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރުގެ މަގާމުގައި ހުރި އަހުމަދު ހިޝާން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މި މައްސަލަ އަކީ ފުލުހުން ތަހުގީގުކުރި މައްސަލައެކެވެ. އަދި ހިޝާންގެ އެ އަމަލުތައް އެނގި ހުރެވެސް އޭނާ އަށް ޑިސްއެބިލިޓީ އެމްބެސެޑަރުގެ މަގާމު ދިނުމުން ސަރުކާރަށް ގިނަބަޔަކު ވަނީ ފާޑުވެސް ކިޔާފައެވެ. ނަމަވެސް ޕީޖީން ވަނީ އެ މައްސަލާގައި ހިޝާންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައެވެ. އެއީ ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރަށް ހެކި ނެތުމުންނެވެ.

ނަމަވެސް ޕީޖީން ވަނީ "ޕަބްލިކް ޕްލެޖް އެނައުންސްމެންޓެއް" ކުރުމަށް ފުލުހުންނަށް ލަފާ ދީފައެވެ. އެއީ ހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ އެހެން ކުދިންތަކެއް ތިބެދާނެ ކަމަށް ބަލާފައެވެ.

އެގޮތުން ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި ހިޝާން ޖިންސޯ ގޯނާ ކޮށްފައިވާ އެއްވެސް ކުއްޖަކު ފާހަގަވެއްޖެ ނަމަވެސް އެކަން ތަހުގީގުކޮށް ހެއްކާއި ގަރީނާއާއެކު ޕީޖީ އޮފީހަށް ފޮނުވުމަށް ޕީޖީން ވަނީ ލަފާ ދީފައެވެ.

ހިޝާން ވަނީ އޭނާ އަށް ބަޔަކު މީހުން އިންޒާރު ދިން ކަމަށް ބުނެ ރާއްޖެ ދޫކޮށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ފުލުހުން އޭނާ ހިފަހައްޓާފައި ވަނީ ލަންކާ އަށް ދިއުމަށް ފްލައިޓަށް އަރާ ހުއްޓައެވެ. އެއީ މިދިޔަ ޖެނުއަރީ މަހުގެ 31ވަނަ ދުވަހުއެވެ.