ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑު ކުށެއް ކަމަށް ބަޔާން ކޮށްފައި ނުވާތީ ދޫކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ އެމީހާގެ ވަނަވަރު އާއްމު ކޮށްފައެވެ. ފުލުހުން ބުނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަހުމަދު ކަމަށެވެ. އޭނާ ވަނީ ޝަހުސު އޮޅުވާލައި މަކަރާއި ހީލަތުން ކުޑަ ކުއްޖަކު މާލެ ގެނެސް ގެސްޓު ހައުސްއެއްގައި ގެންގުޅެ އެކުއްޖާ އަށް ޖިންސީ ގޯނާކޮށް އެކުއްޖާ ރޭޕް ކޮށްފައެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އުނައިސް އަޙްމަދު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ މައްސަލަ އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، އެފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ހައިކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް އޮތް ކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވެއެވެ.
އެހެންނަމަވެސް އޭނާގެ ޝަހުސް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު ގެނެސް އެ ކުއްޖާ ރޭޕްކޮށްފައިވާ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި އެގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވި، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މައްސަލައިގެ ތުހުމަތު ކުރެވޭ އުނައިސް އަހުމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހްގީގު ފުރިހަމަ ކުރުމަށް ފަހު ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އިންޓަނެޓް މެދުވެރިކޮށް ކުދިން ގުރޫމް ކުރުވާ މައްސަލަތަކާއި ޗައިލްޑް އޮންލައިން އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ދާދިފަހުންވެސް ގެސްޓު ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.