ދުނިޔޭގެ 1 ނަމްބަރު ކުޅުންތެރިޔާގެ ގޮތުގައި ސިފަކުރަމުން އަންނަ ކުޅަދާނަ ޓެނިސް ކުޅުންތެރިންޔާ ނޯވާކް ޖޮކޮވިޗް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެއްޖެއެވެ.

ޖޮކޮވިޗް ދާދި ފަހުން ވަނީ، ސާބިއާއި ކްރޮއޭޝިއާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ޓެނިސް އެގްޒިބިޝަން ސީރީޒްއެއްގައި ބައިވެރިވެފައެވެ.

ޖޮކޮވިޗް ހާމަކޮށްފައިވާ ގޮތުގައި އޭނާއާއި އަނބިމީހާވެސް ވަނީ ކޮވިޑް0-19އަށް ޕޮޒިޓިވްވެފައެވެ. އެ 2 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ކްރޮއޭޝިއާގައި ކުރިއަށްދިޔަ މެޗަށް ފަހު އެނބުރު ބެލްގްރޭޑަށް އައިސް ޓެސްޓު ކުރުމުން ކަމަށްވެސް ޖޮކޮވިޗް ވަނީ ހާމަކޮށްފައެވެ.

ޖޮކޮވިޗް ބުނީ ފާއިތުވެދިޔަ މަހެއްހާ ދުވަހު އެމީހުން ހަރަކާތްތެރިވެފައިވާނީ ހެޔޮ ނިޔަތުގައި، އިހުލާސްތެރިކަމާއެކުގައި ކަމަށާ، ކުޅުނު މުބާރަތަކީ އެއްބައިވަންތަކަން ޕްރޮމޯޓް ކުރުމަށް ކުރިއަށްދިޔަ އިވެންޓެއް ކަމަށެވެ. މުބާރާތް އިންތިޒާމު ކުރީ ބަލިމަޑުކަން ކޮންޓްރޯލްވެ، މަޑުޖެހިލުމުން ކަމަށާ، ނަމަވެސް ހަގީގަތަކީ ވައިރަސް އަދިވެސް އޮތުން ކަމަށް ކަންވެސް ޖޮކޮވިޗް ވަނީ ފާހަގަކޮށްފައެވެ.

މިއީ އޭޑްރިއާ ޓުއާ ކޮމްޕެޓިޝަންގައި ކުޅުމަށްފަހު، ކޮވިޑް-19އަށް ޕޮޒިޓިވްވި 4 ވަނަ ކުޅުންތެރިޔާއެވެ.