މި އަހަރު ރާއްޖެއިން ހައްޖަށް ނުދެވޭނެކަމަށް ނިންމައި، އިސްލާމިކް މިނިސްޓްރީންް އެކަން އިއުލާނުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި މިވަގުތު ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭގޮތަށް ކަނޑައެޅޭ މަދު އަދަދެއްގެ މީހުންނަށް ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ނިންމާފައި ވާކަމަށެވެ. އަދި އެކަން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން، މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ސައުދީ ސަރުކާރުގެ ނިންމުމަކީ، ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށާއި، ސައުދީ ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ހައްޖުގެ މަތިވެރި އަޅުކަން ބޭއްވުމަށް ކަމުގައި ވީނަމަވެސް، ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަމާލުކަން ދޭނެކަމަށް އެންގުމުގައި ބުނެފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އެއްވެސް ހުއްޓުމެއް ނެތި މިނިސްޓްރީން ކުރަމުން ދިޔަ ކަމަށާއި، އެންމެ ފަހު ވަގުތާ ހުއްދަ ލިބުނު ނަމަވެސް ދިވެހިން ހައްޖަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ރޭވެމުން ދިޔަ ކަމަށެވެ.
ސައުދީން ނިންމާފައި ވަނީ ވީހާވެސް މަދު އަދަދެއްގެ މީހުންނަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް ފުރުސަތު ދޭނީ ކިހާ އަދަދެއްގެ މީހުންނަށް ކަމެއް ސައުދީ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދޭނީ އިޖުތިމާއީ ގައިދުރުކަމާއި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ރަނގަޅަށް އެޅޭނެ އަދަދެއްގެ މީހުންނަށް ކަމަށް ވަނީ ބުނެފައިވެއެވެ.
މިފަދަ ނިންމުމެއް ނިންމާފައި ވައިރު، މީލާދީން 1932 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ރަސްކަން އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން "ކުޑަކޮށްލި" ކޮށްފައިވާ މިއީ ފުރަތަމަ ފަހަރެވެ. ސައުދީގެ އޮފިޝަލާ ހަވާލާދީ ބައިނަލްއަގުވާމީ މީޑީއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ދަނީ ހުރިހާ :ސިނާރިއޯއެއް" ދިރާސާ ކުރަމުންނެވެ.
ސައުދީންވެސް ގިނަ ބަޔަކަށް ވަނީ ކޮވިޑް ޖެހިފައެވެ. މިހާތަނަށް 1،61،005 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އެ ބަލީގައި 1،307 މީހުން ވަނީ މަރުވެފައެވެ.