ސިފައިންނާއި ފުލުހުން އަރައި ރ. މަޑުއްވަރީގައި ހާއްސާ އޮޕަރޭޝަނެއް ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޑުއްވަރީއަށް ސަލާމަތީ ބާރުތަކުން އަރައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ދަނީ ގެއެއް ބަލާ ފާސްކުރަމުންނެވެ. އެގޮތުން، ފާސްކުރަމުން ދަނީ މީގެ ކުރިން ވެސް ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް އެ ރަށުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ފާސްކުރި ގެއެކެވެ.

މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލުން ބުނީ، މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އަދި ގެތަކެއް ބަލާ ފާސްކުރަމުންދާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތެއް ސަލާމަތީ ބާރުތަކުން ކައުންސިލާ ހިއްސާ ކޮށްފައި ނުވާތީ، މާބޮޑު ތަފްސީލެއް ނޭނގޭ ކަމަށާއި، ކުއްލިއަކަށް ހާއްސަ އޮޕަރޭޝަނެއް ފަށައިގެން އުޅެނީ ކީއްވެ ކަން ވެސް ނޭނގޭ ކަމަށް ކައުންސިލުން ބުނެއެވެ.

ސަލާމަތީ ބާރުތަކުގެ ހާއްސަ އޮޕަރޭޝަނެއް މަޑުއްވަރީގައި ފަށާފައި ވާއިރު، މިދިޔަ ޑިސެމްބަރު މަހު ވެސް އެ ރަށުގައި ވަނީ މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި އޭރު ބެލި ބެލުމުން، ހަރުކަށި ފިކުރަށް ތަބާވާ 6 މީހަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާވެސް ވަނީ ކޮށްފައެވެ.

6 މީހަކު ހައްޔަރު ކުރި އިރު، ތައުލީމާއި، ވެކްސިން ދިނުމުން މަހުރޫމު ކޮށްފައި ވާ ކުދިންތަކަކަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ފުރުސަތު ވެސް ފަހިކޮށްދީފައެވެ. އަދި ބައެއް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ވެސް ވަނީ ނަގާފައެވެ.

އެ އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ހަރުކަށި ފިކުރަށް ތަބާވާ މީހުން، މިއަހަރު ފެބްރުއަރީ މަހު ހުޅުމާލޭގައި ބިދޭސީން ތަކަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފާ ވާކަމަށް ފުލުހުން ބުނެފައި ވެއެވެ. މިކަން ކޮށްފައި ވަނީ އެމީހުންނަށް އަނނިޔާކޮށް އަނބިދަރިންނާ ވަކިކުރުވި ކަމަށް ބުނެއެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާނަމަ އެކަން ތަކުރާރުކޮށް ކުރާނެ ކަމުގެ އިންޒާރުތައް ވެސް އެމީހުން ދިން ކަމަށް މީޑިއާގެ އެކި ވަސީލަތްތަކުން ވަނީ ބުނެފައެވެ.

މިދިޔަ ޑިސެމްބަރު މަހު މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގަން މެދުވެރިވީ، ހައްދުފަހަނައަޅާފައިވާ ބަޔަކު ލަނޑާ ނަގާ ދޯންޏެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލަ ބޮޑުވެ، އެރަށުގައި ހިނގަމުންދާ ކަންކަން ފެންމަތިވުމުންނެވެ.