ރާއްޖޭގެ ރަސްމީ ތަފާސްހިސާބުތައް އެއް ކުރުމާއި، އެއް ކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުން ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ކަނޑައަޅައި، އެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މިނިވަން މުއައްސަސާއެއް އުފެއްދުމަށް މަޖިލީހަށް ބިލެއް ހުށަހަޅާ ބަހުސް ކުރަން ފަށައިފިއެވެ.

މި ބިލު ހުށަހެޅީ، ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަނެވެ. މި ބިލުގައި ބުނާ ގޮތުން، ބިލު ގާނޫނަކަށްވެ އަަމަލު ކުރަން ފެށުމާއެކު "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް"ގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެދޭނެއެވެ.

އެ ބިލުގައި ބުނީ ،މިހާރު ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި ބޭނުން ކުރަމުން ގެންދިޔަ މުދަލާއި، ވަސީލަތްތަކާއި، މަޖިލީހުން އެ ތަނަށް ކަނޑައަޅާފައިވާ ބަޖެޓުގެ ފައިސާއާާއި، ބިއުރޯގައި ތިބި މުވައްޒަފުން، ބިލުގެ ދަށުން އުފައްދާ އާ މުއައްސަސާއަށް ބަދަލު ވެގެން ދާނެ ކަމަށެވެ.

ބިލުގައި ބުނާ ގޮތުން ތަފާސްހިސާބުގެ މިނިވަން ބިއުރޯގެ އިސް ފަރާތުގެ ގޮތުގައި ޗީފް ސްޓެޓިސްޓީޝަންގެ ނަމުގައި މަގާމެއް އުދައްދަން ޖެހޭނެއެވެ. އެ މަގާމަށް މީހަކު އައްޔަން ކުރާނީ މިހާރު ހުރި މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރާ އުސޫލުންނެވެ. އެއީ ރައީސް ފޮނުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުންދޭ މީހަކު އައްޔަން ކުރުމެވެ. އަދި އެ މަގާމުގެ މުސާރަ ވެސް ކަނޑައަޅާނީ މަޖިލީހުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިއުރޯގެ ތެރޭގައި ސްޓެޓިސްޓިކަލް ކައުންސިލެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައިވާއިރު، އެ ކައުންސިލްގައި ތިބޭނީ ޗީފް ސްޓެޓިސްޓީޝަންގެ އިތުރުން ގައުމީ ޔުނިވަސިޓީ ތަމްސީލު ކުރާނެ ފަރާތަކާއި، ތަފާސްހިސާބު އުފައްދާ ދައުލަތުގެ އިދާރާތަކުގެ ތެރެއިން ހަތަރު ފަރާތަކާއި، އެހެން އިދާރާތަކުގެ ތެރެއިން ހަތަރު ފަރާތެކެވެ.

ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާތާ މަސް ދުވަސް ތެރޭގައި ޗީފް ސްޓެޓިސްޓީޝަން ހިމެނޭ ގޮތަށް އެ ކައުންސިލަށް އައްޔަން ކުރަން ޖެހޭ ހުރިހާ މެންބަރުން އައްޔަންކޮށް އެ ކައުންސިލް އެކުލަވާ ނިންމަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ. ކައުންސިލްގެ މެންބަރުންގެ ތެރެއިން ޗީފް ސްޓެޓިސްޓީޝަންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށާއި އެހެން މެންބަރުންގެ ދައުރުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށް ބިލުގައި ވެއެވެ.

މި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ މަޖިލީހުގެ މިއަަދުގެ ޖަލްސާގައި ފަށައިފައިވާއިރު، ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން އިތުރު މިނިވަން މުއައްސަސާއެއް އުފައްދަން ތާއީދެއް ނުކުރައްވެއެވެ. އެ މެންބަރުން ވިދާޅުވީ މިނިވަން މުއައްސަސާއެއް ހެދުމުން، ދައުލަތުގެ ހަރަދު އިތުރަށް ބޮޑުވެގެން ދާނެ ކަމަށެވެ.